ދައުލަތުގެ ދަރަނި ބޮޑެވެފައިވަނީ މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކުގެ ސަބަބުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތުގެ ދަރަނި އަރާފައިވާ މިންވަރާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު ދައުލަތުގެ ދަރަނި 4.99 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އޭގެ ތެރެއިން 3.7 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަނިކަމަށާއި އަދި 1.19 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަނިކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުން ޑެފިސިޓްވާ 4.99 ބިލިއަން ރުފިޔާއަކީ މިސަރުކާރުން ފައިނޭންސްކުރާނެ ދަރަނިކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއަހަރު ދައުލަތުގެ ދަރަނި 4.99 ބިލިއަން ރުފިޔާއަށް އެރިކަމުގައިވިޔަސް، މިސަރުކާރުން ޒިންމާވާންޖެހޭ ދަރަނީގެ މިންވަރަކީ މިސަރުކާރުން ދޫކޮށްފައިވާ ސޮވެރިންގ ގެރެންޓީތަކާއެކު ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގެ ދަރަނީގެ ބޮޑުބަޔަކީ ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގެރެންޓީތަކުގެ ސަބަބުން އިތުރުވެފައިވާ ދަރަނިކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 64.9 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 18 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ ޑިސެމްބަރުމަހާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރު ދައުލަތުގެ ދަރަންޏަށް 4.5 ބިލިއަން ރުފިޔާ އިތުރުވިއިރު، ބޭރުގެ ދަރަނި އިތުރުވެފައިވަނީ 5 އިންސައްތައެވެ. އަދި އެތެރޭގެ ދަރަނި އިތުރުވެފައިވަނީ 7 އިންސައްތައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރުގެ ދަރަނި އިތުރުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ މާލީ އެހީ ހޯދުމަށެވެ. އަދި ބޭރުގެ ދަރަނި އިތުރުވެފައިވަނީ، ސްޓޭޓް ބެންކް އޮފް އިންޑިއާއަށް 100 މިލިއަން ޑޮލަރުގެ ޓީ-ބިލް ވިއްކުމުގެ ސަބަބުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ޓީ-ބިލް ވިއްކައިގެން އަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.