ޚަބަރު

ފުރިހަމަ ލާމަތުކަޒީ ނިޒާމެއް ގެނައުމަށް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން - ހޯމް މިނިސްޓަރ


ފުރިހަމަ ލާމަތުކަޒީ ނިޒާމެއް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް އެލްޖީއޭ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އަގުވަޒަންކޮށް ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ދެމުންއަންނަ "ކަންގަތި އެވޯޑް" ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ކައުންސިލްތައް އެކަށޭނެ ގޮތެއްގައި ހިންގުމަށް ބޭނުންވާ ބާރުވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު ދައުރެއް އަދާކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއެކު މާލީގޮތުންނާއި އެކި ގޮތްގޮތުން ކައުންސިލްތައް ބާރުވެރިވެގެންދާތަން ފެނިގެންދާނެ ކަމަށެވެ. އަދި ކައުންސިލްތައް ހިންގުމުގައި އެންމެ އެކަށޭނެ ނަތީޖާ ނެރުމަށްޓަކައި ރަށްރަށުގައި ހުންނަ އެކި މުވައްސަސާތަކާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދިއުމަކީ މުހިންމު ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ވަނީ ކައުންސިލްތަކާއި މައި ސަރުކާރާދެމެދު އޮންނަންޖެހޭ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަބަދުވެސް އޮތް ތާރީޚާއި ސަޤާފަތް ފެނިގެންދާ ނިޒާމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ކައުންސިލްތަކުން ތައްޔާރުކުރާ އެކި ޕްލޭންތައް ތައްޔާރު ކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގައި ހަރުދަނާ ނަމޫނާ ދައްކާ ބަޔަކަށްވުމަށްވެސް މިނިސްޓަރ ވަނީ ކައުންސިލަރުންނަށް ގޮވާލައްވާފައެވެ.