ޗައިނާއާއި ޖަޕާނާއި ދެކުނު ކޮރެއާއިން ޙިއްސާކުރާ ޡަޤާފީ ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެހީވުމަށް އެއްބަސްވެއްޖެއެވެ. މި ތިން ޤައުމުން މިކަމަށް އެއްބަސްވެފައިވަނީ ވިޔަފާރިއާއި ތާރީޚުގެ މައްސަލަތަކުގައި ދެކުނު ކޮރެއާއާއި ޖަޕާނާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ތިން ޤައުމުގެ ޡަޤާފަތާބެހޭ ވަޒީރުން ދެކުނު ކޮރެއާގައި ބައްދަލުކުރައްވާފައިވާއިރު، މި ތިން ބޭފުޅުންވަނީ ކުރިއަށްއޮތް 10 އަހަރު ދުވަހުގެ ތެރޭގައި ޡަޤާފީ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް ތިން ޤައުމުގެ ޢާއްމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކުރުމަށް މަސައްކަތްކޮށް ފިޔަވަޅުތައް އެޅުމަށް އެއްބަސްވެވަޑައިގެންފައެވެ.
ޗައިނާ، ޖަޕާނު އަދި ދެކުނު ކޮރެއާގެ ޡަޤާފީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޡަޤާފީ ގޮތުން ތިން ޤައުމުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރަނީ އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމްކުރާނެފަދަ އުސޫލުތަކެއް އެކުލަވާލާ އެ އުސޫލުތަކުގެދަށުންކަމަށާއި މިކަން ވާންޖެހޭނީ އިރުމަތީ އޭޝިޔާގެ ސަރަޙައްދުގައި އޮންނަ ސުލްޙައާއި ހަމަޖެހުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަކަށެވެ.
ޖަޕާނާއި ދެކުނު ކޮރެއާއާއި ދެމެދު އޮންނަ ގުޅުންތައް އެންމެ ފުރަތަމަ ހީނަރުވާން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ބާރުގެ ދަށުގައި އޮތް ދެކުނު ކޮރެއާގެ ސަރަޙައްދުގައި ގަދަކަމުން މަސައްކަތްކުރުވި ދެކުނު ކޮރެއާގެ ޢާއްމުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ މައްސަލައިގައެވެ. އެއަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ހީނަރުވެގެންދިޔައީ ޖަޕާނުން ދެކުނު ކޮރެއާއަށް މުދާ އެކްސްޕޯޓް ކުރުމަށް އަމަލުކުރާ އުސޫލުތައް އިތުރަށް ހަރުކަށިކުރުމުންނެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ދެކުނު ކޮރެއާއިންވަނީ ޖަޕާނާއެކު އަސްކަރީ ޖާސޫސީ މަޢުލޫމާތު ޙިއްސާކުރުން ހުއްޓާލާފައެވެ.