ޚަބަރު

މެޗަކުން މޮޅުނުވެ، އިންޓަނޭޝަނަލް ފޮރ ނޭޝަންސް ފުޓްބޯޅަ މުބާރާތް ރާއްޖެއިން ނިންމާލައިފި


އެއްވެސް މެޗަކުން މޮޅުނުވެ، އިންޓަނޭޝަނަލް ފޮރ ނޭޝަންސް ފުޓްބޯޅަ މުބާރާތް ރާއްޖެއިން ނިންމާލައިފިއެވެ.

ޤަތަރުގެ ދޯހާގައި ބޭއްވި މި މުބާރާތުގައި ރާއްޖެވަނީ 3 މެޗު ކުޅެފައެވެ. އެގޮތުން، ރާއްޖެ ކުޅުނު ފަހު މެޗުގައި އިއްޔެ ނުކުތީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ޤަތަރާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ 0-8ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އުރުދުން އަތުން ބަލިވީ 0-9ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އިންޑޮނޭޝިއާ އަތުން ބަލިވީ 0-4ގެ ނަތީޖާއަކުންނެވެ.

ރާއްޖޭން ކުރިން ރާވާފައި އޮތީ އިންޑިއާގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. ނަމަވެސް ދެ މުބާރާތުގެ ތާރީޚް ފުށުއަރާތީ ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ ލަފާގެ މަތިން ޤަތަރުގައި ބާއްވާ މުބާރާތުގައި ވާދަކުރަން ނިންމީ ދެކުނު އޭޝިއާގެ ޓީމުތަކަށްވުރެ އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވުމުންނެވެ. މި މުބާރާތަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ޓީމު ނުކުތީ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގެ ދަށުންނެވެ.

މުބާރާތް ބޯމަތިވެފައި އޮއްވާ ޓީމާ ހަވާލުވި ކޯޗު ބުނީ މި ނަތީޖާއާއިމެދު ހިތާމަ ނުކުރާނެކަމަށާއި 2 އަހަރުތެރޭގައި މި ނަތީޖާ ބަދަލުކުރެވޭ ވަރަށް ޓީމު ތައްޔާރު ކުރާނެކަމަށެވެ.