ޚަބަރު

ނޭމާ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފި


ސްޕެއިންގެ ބާސެލޯނާއަށް ދާން ގަދަ ދައްކާފައިހުރި ބްރެޒިލް އަދި ޕީއެސްޖީގެ ފޯވާޑް ނޭމާ ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.

ފްރާންސް ލީގުގައި މެޓްޒާއި ދެކޮޅަށް ޕީއެސްޖީ ނުކުތުމުގެ ކުރިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ނޭމާވަނީ ޓީމުގެ ކުޅުންތެރިންނާއެކު ބައިވެރިވެފައިއެވެ. ނަމަވެސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނީ ލީގުގައި މެޓްޒާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާ ނުކުޅޭނެކަމަށެވެ. ލީގުގައި ޕީއެސްޖީ މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ނޭމާ ކުޅެފައެއް ނުވެއެވެ. ފަރަންސޭސިވިލާތުގެ މީޑިއާތަކުން އެންމެ ފަހުން ރިޕޯޓްކުރި ގޮތުގައި 170 މިލިއަން ޕައުންޑަށް ނޭމާ ބާސެލޯނާއަށް ވިއްކާލަން ޕީއެސްޖީންވަނީ އެއްބަސްވެފައެވެ. ނޭމާ ވިއްކާލުމަށްފަހު، ޕީއެސްޖީން ހޯދަން ބޭނުންވާ ކުންތެރިއަކީ ޔުވެންޓަސްގެ ފޯވަޑް ޕައުލޯ ދިބާލާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބާސެލޯނާއިން ޕީއެސްޖީއަށް ނޭމާ ބަދަލުވީ މީގެ 2 އަހަރު ކުރިން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޕައުންޑަށެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ނޭމާ ގަތުމަށް ބާސެލޯނާއިން މިހާބޮޑަށް މަސައްކަތް ކުރަމުންދަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. ބާސެލޯނާއަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރެވުނީ 2015ވަނަ އަހަރުއެވެ.