ވިޔަފާރި

ނޮވެލްޓީ ބުކް ފެއަރ 2019 ފަށައިފި


ހެޔޮ އަގެއްގައި ފޮތްތަކާއި ސްޓޭޝަނަރީސްތައް ލިބޭ "ނޮވެލްޓީ ބުކް ފެއަރ" ދަރުބާރުގޭގައި ފަށައިފިއެވެ.

މިއީ ފޮތް ކިޔުމުގެ އާދަ އާންމުންގެ މެދުގައި އާލާކޮށް އެއްތަނަކުން ހެޔޮ އަގެއްގައި ފޮތް ފަންފުންސުރު ފަދަ ތަކެތި ގަތުމުގެ ފުރުސަތު ހޯދައިދިނުމަށް ނޮވެލްޓީން ކޮންމެ އަހަރަކުވެސް ބާއްވާ ފެއަރއެކެވެ. މިއަހަރުގެ މި ފެއަރ ކުރިއަށްދާނީ މިމަހުގެ 29 އިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފެއަރގައި އެއްލައްކައަށް ވުރެ ގިނަ ފޮތްތައް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި ހާހަކަށް ވުރެ ގިނަ ދިވެހި ފޮތާއި 18،000 އަށް ވުރެ ގިނަ ވާހަކަ ފޮތްތަކާއި ދީނީ އަދި ސައިންސް ފޮތްތައްވެސް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ފޮތްތަކާއި ސްޓޭޝަނަރީސް ފަދަ ތަކެތި ވެސް މި ފެއަރގައި ވިއްކާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނޮވެލްޓީ ބުކްޝޮޕްގެ ޖެނަރަލް މެނޭޖަރ އިރުފާނު އިސްމާޢިލް ވިދާޅުވީ މިފަހަރުގެ ފެއަރގައި ވެސް ޚާއްސަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ.

އެގޮތުން ގަންނަ ކޮންމެ ބާވަތަކުން %10 އާއި %70 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފެއަރގެ އެންމެ ބޮޑު އިނާމަކީ ކޮންމެ އަހަރަކު ވެސް ބާއްވާ ލަކީޑްރޯވއެވެ. އިރުފާނު ވިދާޅުވީ ފެއަރއިން ވިޔަފާރި ކުރައްވާ ފާރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް 2 ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި އިނާމުގެ އިތުރުންވެސް ކަސްޓަމަރުންނަށް އިތުރު އިނާމުތަކެއް ހުރިކަމަށް އިރުފާނު ވަނީ ފާހަގަކުރައްވާފައެވެ.

" ގަންނަ ކޮންމެ އައިޓަމަކުން %10 އާއި %70 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ. އަދި ލަކި ޑްރޯވގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް 2 ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިގައިވޭ. އަދި މީގެ އިތުރުން ކުރައްވާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް 'ނޮވެލްޓީ މަނީ' ގެ ފަސް ރުފިޔާ ލިބިވަޑައިގަންނަވާނެ. މި ފައިސާ ބޭނުންކޮށްގެން ފެއަރ އިން އެއްޗިހި ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ." އިރުފާނު ވިދާޅުވިއެވެ.

ނޮވެލްޓީ ބުކް ފެއަރ ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކުވެސް މެންދުރު 02 އިން ދަންވަރު 12 އަށެވެ. ހުކުރު ދުވަހު ފެއަރ ހުޅުވާފައި ހުންނާނީ މެންދުރު 02:30 ދަންވަރު 12 އަށެވެ. އަދި ހޮނިހިރު ދުވަހު ފެއަރ ހުޅުވާފައި ހުންނާނީ ހެނދުނު 10 އަކުން ފެށިގެން ރޭގަނޑު 12 އަށެވެ.

ނޮވެލްޓީ ބުކް ފެއަރ ބާއްވާތާ 14 އަހަރު ވެފައިވާއިރު މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބޭއްވޭ ހަމައެކަނި ބުކް ފެއަރކަން ފާހަގަކޮށްލެވެއެވެ،.