ޚަބަރު

ހޮންގްކޮންގްގެ ސުލްޙައަށް ޗައިނާގެ އަސްކަރިއްޔާއިން އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފި


ހޮންގްކޮންގްގެ ހަމަޖެހުމާ ސުލްޙައަށް ޗައިނާގެ އަސްކަރިއްޔާއިން އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

ޗައިނާގެ އަސްކަރިއްޔާއާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާ، ޝިންހުއާއިން ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާއިން ހޮންގްކޮންގަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށާއި މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް އިތުރު ކުރާނެކަމަށެވެ. ޝިންހުއާއިން ގެނެސްދިން ރިޕޯޓުިގައި އިތުރަށް ބުނެފައިވަނީ ޗައިނާއިން ހޮންގްކޮންގަށް ފޮނުވާފައިވާ ސިފައިންގެ ފައުޖުތައް އެ ޤައުމުން ބުރާސްފަތި ދުވަހު ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން ޗައިނާގެ ކަނޑާއި އެއްގަމު އަދި ވައިގެ އަސްކަރިއްޔާގެ ފައުޖުތައްވެސް ހޮންގްކޮންގްގެ ސަރަޙައްދަށް ވަދެފައިވާކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެފައިވަނީ ހޮންގްކޮންގްގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކަކީ 1997ވަނަ އަހަރު އިނގިރޭސިވިލާތުގެ އިސްތިޢުމާރުގެ ދަށުން ހޮންގްކޮންގް ޗައިނާގެ ބާރުގެ ދަށަށް ބަދަލުކުރި ފަހުން އެ ސަރަޙައްދުގައި އުފެދުނު އެންމެ ގެއްލުން ބޮޑު ހަމަނުޖެހުންތައްކަމަށާއި މި ހަމަނުޖެހުންތައް ޙައްލުކުރުމަށް ހޮންގްކޮންގަށް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާތައް ކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޙިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް މި މުޒާހަރާތައް މިހާރުވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.