ޚަބަރު

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކާގުޅޭ މަޝްވަރާކުރަން އަދި އަވަސް: އެމެރިކާ


އަފްޣާނިސްތާނުގައި ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ޤައުމުގައި ޙަރަކާތްތެރިވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އަދި އަވަސްކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިއެއް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޕެންޓަގަންގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެ ޤައުމުން އެއްކޮށް ބޭލުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭކަމަށެވެ. ޖެނެރަލް ޖޯސެފް ޑަންފޯޑް މިހެން ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގެ ޠާލިބާނު ޖަމާޢަތާއި އެމެރިކާގެ ސަރުކާރާއި ދެމެދު ކުރިއަށްގެންދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ދެ ފަރާތުންވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން މަސައްކަތްކުރަނީ އަފްޣާނިސްތާނަކީ ޓެރަރިސްޓް ޖަމާޢަތްތަކަށް ޙިމާޔަތްދޭފަދަ ޤައުމަކަށްވިޔަނުދިނުމަށްކަމަށާއި އަފްޣާނިސްތާނަށް ދާޢިމީ ގޮތެއްގައި ހަމަޖެހުމާއި ސުލްޙަ ގެނައުމަށްކަމަށް ޑަންފޯޑް ވިދާޅުވިއެވެ، އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ޠާލިބާނު ޖަމާޢަތާއި އެމެރިކާއާއެކު އެކުލެވޭ އެއްބަސްވުމުގެ ދަށުން ޓެރަރިސްޓުންނާ ދެކޮޅަށް ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާނެ ގޮތްތަކާއިމެދު މަޝްވަރާކުރަން އަދި މާ އަވަސްކަމަށެވެ.

މި ހަފުތާގެ ބުދަ ދުވަހު ޠާލިބާނު ޖަމާޢަތުން ބުނެފައިވަނީ އެ ޖަމާޢަތާއި އެމެރިކާއިންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ފޭބުމާބެހޭ އެއްބަސްވުމަކާ ދާދި ގާތްވެފައިކަމަށެވެ.