ޚަބަރު

މެދުއިރުމަތީގެ ސުލްޙައަށް އެމެރިކާ އެކުލަވާލާފައިވާ ޕްލޭންގެ ސިޔާސީ ބައިތައް ޢާއްމުކުރާނީ އިސްރާއީލުގެ އިންތިޚާބަށްފަހު


އިސްރާއީލާއި ފަލަސްޠީނާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ސުލްޙައިގެ ޕްލޭންގެ ސިޔާސީ ބައިތައް އެމެރިކާއިން ޢާއްމުކުރާނީ އަންނަ މަހު އިސްރާއީލުގައި ބާއްވާ ޢާއްމު އިންތިޚާބަށްފަހުކަމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފަ ހުންނަވާ ޚާއްސަ މަންދޫބު ޖޭސަން ގްރީންބްލެޓް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެމެރިކާގެ ޚާއްސަ މަންދޫބު ވިދާޅުވީ އަންނަ މަހު އިސްރާއީލުގައި ބާއްވާ އިންތިޚާބުގެ ކުރިން އެމެރިކާއިން އެކުލަވާލާފައިވާ ސުލްޙައިގެ ޕްލޭންގެ އެއްވެސް ބައެއް ޢާއްމު ނުކުރާނެކަމަށެވެ. އަދި މިއީ އެމެރިކާއިން ކުރިންވެސް ނިންމާފައިވާ ނިންމުމެއްކަމަށް ގްރީންބްލެޓް ވިދާޅުވިއެވެ.

އެމެރިކާއިން މިގޮތަށް ނިންމާފައިވަނީ އެޤައުމުގެ ސުލްޙައިގެ ޕްލޭންގެ ސަބަބުން އުފެދިފާނެ މައްސަލަތަކުގެ އަސަރު އިސްރައީލުގެ އިންތިޚާބަށް ކޮށްފާނެތީކަމަށް ބެލެވެއެވެ.

މި އަހަރުގެ ޖޫން މަހު އެމެރިކާއިން އިސްނަގައިގެން ބަޙްރައިންގައި ބޭއްވި ފަލަސްޠީނާބެހޭ ކޮންފަރެންސެއްގައިވަނީ ސުލްޙައިގެ ޕްލޭންގެ އިޤްތިޞާދީ ބައިތައް އިޢުލާނުކޮށްފައެވެ. މި އިޤްތިސާދީ ޕްލޭންގައި އެމެރިކާއިންވަނީ ފަލަސްޠީނާ ވަށައިގެންވާ ޤައުމުތަކުގައި 50 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓްކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާ އިޤްތިސާދީ ކޮރިޑޯއަކުން ގުޅާލުމަށްވެސް މި ޕްލޭންގައި ހުށަހަޅާފައިވެއެވެ.

އެމެރިކާގެ މި އިޤްތިސާދީ ޕްލޭނަށް ޢަރަބި ޤައުމުތަކުން ކިޔާފައިވަނީ ހޫނު މަރުޙަބާއެކެވެ.