ޚަބަރު

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލިސް ވަގުތީގޮތުން ބަންދުކުރަން އެ ޤައުމުގެ ބޮޑުވަޒީރު އެދިވަޑައިގެންފި


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް ވަގުތީގޮތުން ބަންދުކުރަން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ރާނީ އެލިޒަބަތުގެ އަރިހުން އެދިވަޑައިގެންފިއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ޤާނޫނުހަދާ މަޖިލިހުގެ ދަށުގެ، ހައުސް އޮފް ކޮމަންސް، ވަގުތީގޮތުން ބަންދުކުރަން ރާނީ އެލިޒަބަތުގެ ކިބައިން އެދިވަޑައިގަތީ އަންނަ ސެޕްޓެމްބަރު 10އަކުން އޮކްޓޯބަރު 14އަށްކަމަށެވެ.

ބޮޑުވަޒީރު ޖޯންސަން މިކަމަށް އެދިވަޑައިގެންފައިވަނީ އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން މަނާކުރާ ޤަރާރެއް ފާސްކުރަން ހައުސް އޮފް ކޮމަންސްގެ ބައެއް މަންބަރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިޙާދުން ވަކިވުމަކީ އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުއްލިގޮތަކަށް ދަށަށްގޮސް ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ބާވަތްތަކުގެ އަގުތައް އިންތިހާއަށް މަތިވެގެންދާނެކަމެއްކަމަށާއި އެއީ އިޢާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ޤައުމަށް ލިބިގެންދާނެކަމެއްކަމަށް އެ ޤަރާރު ފާސްކުރަން މަސައްކަތްކުރައްވާ މެންބަރުން ދެކިވަޑައިގަންނަވެއެވެ.

އެއްބަސްވުމަކާނުލައި ވިލާތުގެ އިއްތިހާދުން ވަކިވުން މަނާކުރާ ޤަރާރު ހުށަހެޅުމުގައި އިސްކޮށް ޙަރަކާތްތެރިވާ އިދިކޮޅު 6 ޕާޓީއަކުންވަނީ ޤާނޫނުހަދާ މަޖިލިސް ބަންދުކުރަން ޖޯންސަން މަސައްކަތްކުރައްވަނީ އެ ޤަރާރަށް ހުރަސްއެޅުމުގެ ގޮތުންކަމަށް ތުޙުމަތުކޮށްފައެވެ. ޖޯންސަންވަނީ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން ވިލާތުގެ އިއްތިހާދުން ވަކިވުމުގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ވަކިކުރުމަށް ނިންމަވައި އެކަން އިޢުލާން ކުރައްވާފައެވެ.