ޚަބަރު

ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާދޭކަމަށް ބުނެ އެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފި


އަފްޣާނިސްތާނުގެ ދެކުނުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދޭކަމަށް ބުނެ އަފްޣާން ސަރުކާރުން އެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.

އދގައި ހުންނަވާ އަފްޣާންގެ ދާއިމީ މަންދޫބު ސަލާމަތީ މަޖިލީހަށް ހުށަހެޅި ޝަކުވާގެ ލިޔުމުގައި ބުނެފައިވަނީ، ސަރަޙައްދީ ރޮނގުގައި ޕާކިސްތާނުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އަމަނާއި ސަލާމަތަށް އަސަރުކުރާކަމަށާ އެކަން ހުއްޓުވަން ސަލާމަތީ މަޖިލީހަށް ހުށަހަޅާކަމަށެވެ. އަދި އަފްޣާނިސްތާނުން ހުށަހެޅި މި ލިޔުން ސަލާމަތީ މަޖިލީހުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ހަމަޖައްސައި ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް ލިޔުން ފޮނުވޭނެގޮތް ހަމަޖައްސައިދިނުމަށް އެދޭކަމަށްވެސް އަފްޣާނިސްތާން ސަރުކާރުން ހުށަހެޅި ޝަކުވާގެ ލިޔުމުގައި އެދިފައިވެއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގާ އިންވެގެން އޮންނަ އަފްޣާން ޕްރޮވިންސެއްކަމަށްވާ ކުނާރު ޕްރޮވިންސްގެ ބައެއް ސަރަޙައްދުތަކަށް ޕާކިސްތާނުން މިދިޔަ ހަފުތާގައި ފޮނުވާލި ދުއިސައްތަ ވަރަކަށް ރޮކެޓް އެރިކަމަށާ އެކަމުގެ ސަބަބުން އެ ސަރަޙައްދަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް އަފްޣާން ސަރުކާރުން ބުނެއެވެ.

ކުނާރު ޕްރޮވިންސަށް ދިން ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ޢާއްމުންގެ ގިނަ ބަޔަކު ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވަމުންދާކަމަށްވެސް އަފްޣާން ސަރުކާރުން ބުނެއެވެ.