ސިޔާސީ

ގަވަރުނަރަކަށް ޢަލީ ޙާޝިމް ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި


މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރ ޢަލީ ޙާޝިމް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، މއ.ޑޯސްޗާ ޢަލީ ޙާޝިމްގެ ގަވަރުނަރަކަށް ޢައްޔަންކުރުމަށް މިއަދު ފޮނުއްވާފައިވާކަމަށެވެ.

ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޙާޝިމް އެ މަޤާމު އަދާލުރައްވާފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއިހަމައަށެވެ.

ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. ނަޞީރު އިސްތިއުފާދެއްވާފައި ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިނގި މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ، އެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ހުރަސްއެޅިކަމަށް ބުނާ މައްސަލައެއް މާލިއްޔަތު ކޮމިޓިން އަންނަނީ ބަލަމުންނެވެ.