ޚަބަރު

ޖަޕާނުގެ ދެކުނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި 2 މީހުން މަރުވެއްޖެ


ޖަޕާނުގެ ދެކުނުގައި އޮންނަ ޖަޒީރާ ރަށްތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގި ޙާދިސާތަކުގެ ސަބަބުން 2 މީހުން މަރުވެއްޖެއެވެ.

ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުންވަނީ ފެންބޮޑުވުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ 85،000 މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ޢަމުރުކޮށްފައެވެ. ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ޙާދިޡާގެ ސަބަބުން އެތައް ބަޔަކު ޙާލުގައި ޖެހިފައިވާކަމަށެވެ. ޖަޕާނުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ސަރަޙައްދުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 100އަށްވުރެ ގިނަ ސިފައިން އެ ސަރަޙައްދަށް ފޮނުވާފައިވާކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ޖަޕާނުގެ ދެކުނުގެ ސަރަޙައްދުގެ ބައެއް ވިޔަފާރިތަކާ ޢާއްމު ދަތުރުފަތުރުތައްވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަޕާނުގެ ބައެއް ބޮޑެތި ކުންފުނިތަކުން ބުނެފައިވަނީ ބުދަ ދުވަހު އެ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވާކަމަށެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެ ސަރަޙައްދަށް ކުރި އެންމެ ނުރައްކާތެރި ވިއްސާރަކަމަށެވެ.