ޚަބަރު

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް މި އަހަރުގެ ނިޔަލަށް 150 މިލިއަން ޑޮލަރު ބޭނުންވާނެ: އުންރާ


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް މި އަހަރުގެ ނިޔަލަށް މާލީ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް އދން ބުނެފިއެވެ.

ޣައްޒާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަލަސްޠީނުގެ ރެފިއުޖީންނާއި ބެހޭ އދގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ (އުންރާ)ގެ ވެރިޔާ ޕިޔަރ ކްރެހެންބުލް ވިދާޅުވީ އެ އިދާރާއިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސްގެ އިތުރުން އުރުދުންއާއި ސޫރިޔާ އަދި ލުބުނާނުގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް 2019ވަނަ އަހަރަށް 1.2 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާނެކަމަށެވެ. އަދި އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަދިވެސް އެ އިދާރާއަށް ނުލިބޭކަމަށާއި އެ ފައިސާއާ ނުލާ މިއަހަރު ނިމެންދެން އެ އިދާރާ ނުހިންގޭނެކަމަށްވެސް ކްރެހެންބުލް ވިދާޅުވިއެވެ.

އދގެ އިދާރާއިން މިހެން ބުނެފައިވަނީ އެ އިދާރާގެ މަސައްކަތްތެރިން އދގެ ޤާނޫނުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ އދގެ ޚާއްސަ ތަޙްޤީޤެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ތަޙުޤީޤު ކުރިއަށްދާތީ ސުވިޓްޒަލޭންޑް، ނެދަރލޭންޑްސް އަދި ބެލްޖިއަމުން އެ އިދާރާއަށް ދޭ މާލީ އެހީ ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް ކްރެހެންބުލް ވިދާޅުވިއެވެ. ކްރެހެންބުލްވަނީ މި ތަޙްޤީޤު ނިމި މިކަމުގެ ރަސްމީ ހޯދުންތައް ހޯދެންދެން ހުރިހާ ފަރާތަކުންވެސް މިފަދަ ފިޔަވަޅުތަކާ ދުރުވުމަށް ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް އެކުލަވާލާފައިވާ އިދާރާއިން ފަލަސްޠީނުގެ 5 މިލިއަން ރެފިއުޖީންނަށް ތާފާތު ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.