ޚަބަރު

އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ވިލާތުގެ އިއްތިޙާދުން ވަކިވުމާގުޅޭ މަޝްވަރާކުރުމަށް އިނގިރޭސިވިލާތް އޮތީ ތައްޔާރަށް


ވިލާތުގެ އިއްތިޙާދުން ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ މުހުލަތުކަމަށްވާ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް މިކަމާގުޅޭގޮތުން ވިލާތުގެ އިއްތިހާދާއެކު މަޝްވަރާކުރުމަށް އިނގިރޭސިވިލާތުން ތައްޔާރަށްއޮތްކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ކުރިއަށްދިޔަ ޖީ-ސެވަން ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވީ އޮކްޓޯބަރުގެ މަހުގެ 31ވަނަ ދުވަހާ ހަމައަށްވެސް ވިލާތާއެކު އިނގިރޭސިވިލާތުން މަޝްވަރާކުރާނެކަމަށެވެ. އަދި އެ ދުވަހުގެ ނިޔަލަށްވެސް މިކަމުގައި އެއްބަސްވުމެއް ޤާއިމުނުކުރެވުނުނަމަވެސް އިނގިރޭސިވިލާތުން އޮތީ ވިލާތުގެ އިއްތިޙާދުން އެއްބަސްވުމަކާނުލާ ވަކިވުމަށް ތައްޔާރަށްކަމަށެވެ.

އެހެންނަމަވެސް މިކަމުގެ ކުރިން އެ ޤައުމުން މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ޖޯންސަން ވިދާޅުވީ އެ ދުވަހުގެ ކުރިން ވިލާތުގެ އިއްތިހާދުން އެއްބަސްވުމެއް ޤާއިމުކުރުމަށް ބޭނުންވާނެކަމަށެވެ.

ވިލާތުގެ އިއްތިޙާދުން ވަކިކުރުމާގުޅޭ ގޮތުން މިހާތަނަށް ޤާއިމުކޮށްފައިވާ އެއްބަސްވުން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ ތިން ފަހަރެއްގެ މަތިން ފާސްކުރުމަށް ދެކޮޅުހަދާފައެވެ. އަނެއްކޮޅުން ވިލާތުގެ އިއްތިޙާދުންވަނީ މިކަމުގައި ދެން އަލުން މަޝްވަރާ ކުރުމަށް އެ އިއްތިޙާދުން އިތުރަށް ބޭނުންނުވާކަމަށް ބުނެފައިވެއެވެ.