ޚަބަރު

މާބޮޑު ކަމެއް ޙާޞިލެއްނުވެ، ޖީ-7 ސަމިޓް ނިންމާލައިފި


ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ މުއްސަނދި ޤައުމުތައްކަމަށްވާ އެމެރިކާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ކެނެޑާ އަދި ޖަޕާނުގެ އިސްވެރިންގެ ބައްދަލުކުރެއްވުން ފަށްޓަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފަރަންސޭސިވިލާތުގެ އައްސޭރިފަށުގައި އޮންނަ ރިސޯޓް ރަށެއްކަމަށްވާ ބިއަރިޓްޒްގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި މި ހަތް ޤައުމުގެ އިތުރުން ދުނިޔޭގެ ބާރުގަދަ އެހެން ޤައުމުތަކުންވެސް ބައިވެރިވިއެވެ.

މި ސަމިޓްގައި އެންމެ އިސްކަމެއް ދެއްވައިގެން މަޝްވަރާކުރެއްވީ އީރާނުގެ މައްސަލަ، ލީބިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ، ހޮންގްކޮންގްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިރުތުން އެމޭޒޮން ޖަންގަލީގައި މިހާރު އަނދަމުންދާ އަލިފާންގަނޑުފަދަ މައްސަލަތަކަށެވެ. ސަމިޓް ބޭއްވި ފަރަންސޭސިވިލާތުން ބުނެފައިވަނީ ހޯމަދުވަހު ނިންމާލި މަޝްވަރާތަކުގައި އީރާނާ އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފިލުވަން އެޅިދާނެ ފިޔަވަޅުތަކާމެދު ޤައުމުތަކުން އިއްތިފާޤުވެފައިވާކަމަށެވެ.

ފަރަންސޭސި ރައީސް އެމާނުއަލް މެކްރޯން ވިދާޅުވެފައިވަނީ އެމެރިކާއާ އީރާނާ ދެމެދު މިހާރު ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ހުންނެވީ ތައްޔާރަށްކަން ހާމަކުރައްވާފައިވާކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕްވެސް ސަމިޓް ނިމުމުގެ ކުރިން މިފަދަ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. މި ދެ ބޭފުޅުން އަންނަ މަހު އޮންނަ އދގެ ޢާއްމު ޖަލްސާގައި ބައިވެރިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

އީރާނުގެ މައްސަލައިގައި ޙައްލެއް ހޯދިފައިވާކަމަށް ފަރަންސޭސިވިލާތުން ބުނިނަމަވެސް، މިދިޔަ އަހަރަކޭ އެއް ގޮތަށް މި އަހަރުގެ ޖީ-ސެވަން ސަމިޓްގައިވެސް އެއްވެސް މައްސަލައަކަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ. އަދި މި އަހަރުގެ ސަމިޓްގައިވެސް މަޝްވަރާތަކަށްފަހު ނެރެފައިވަނީ މި ކަންކަމާ ގުޅޭ އެއް ސަފްޙާގެ ބަޔާނެކެވެ. މި ބަޔާނުގެ އުސްއަލިތަކަށް ބަލާއިރު، މި ޤައުމުތަކުން ބުނެފައިވަނީ ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ޤައުމުން އޮތީ ވީހާވެސް ހާމަކަން ބޮޑު އަދި މިނިވަން ކަމާއެކު ދުނިޔޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުމަށް ތައްޔާރަށްކަމަށާ ދުނިޔޭގެ އިޤްތިސާދު ހަމަޖެއްސުމަށް އެޤައުމުތަކުން ކެނޑިނޭޅި މަސައްކަތްކުރާނެކަމަށެވެ.

ސަމިޓްގެ މަޝްވަރާތަކުން ފެނިގެން ގޮސްފައިވަނީ އެމެރިކާއާ ދުނިޔޭގެ އެހެން ބާރުތަކާ ދެމެދު އެކި ކަންކަމުގައި ހުރި ޚިޔާލު ތަފާތުވުންތަކެވެ. އެގޮތުން، ވިޔަފާރީގެ މައްސަލަތަކާ ތިމާވެށީގެ މައްސަލަތަކުގައިވެސް އެމެރިކާއާ ދުނިޔޭގެ އެހެން ޤައުމުތަކުން ވިސްނާ ވިސްނުން ތަފާތުކަން އަނެއްކާވެސްވަނީ ސާބިތުވެފައެވެ.