ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމޭޒޮންގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ޤައުމުތަކަށް ކުއްލި އެހީގެ ގޮތުގައި 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ބާރުގަދަ ހަތް ޤައުމު، ޖީ-ސެވަން ޤައުމުތަކުގެ އިސްވެރިން ހުށަހަޅުއްވައިފިއެވެ.
އެމޭޒޮން ޖަންގަލީގެ ގިނަ ސަރަޙައްދުތަކެއްގައި އަނދަމުންދާ އަލިފާންގަނޑުތައް އެންމެ ބޮޑަށް ފެތުރިފައިވަނީ ބްރެޒިލުން ޙިއްސާކުރާ ޖަންގަލީގެ ސަރަހައްދުތަކަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ބްރެޒިލްގެ ހަތް ސްޓޭޓަކަށް މި އަލިފާންގަނޑުވަނީ ފެތުރިފައެވެ.
ފަރަންސޭސިވިލާތުގައި ބޭއްވި ޖީ-ސެވަންގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަރަންސޭސި ރައީސް އެމާނުއަލް މެކްރޯން ވިދާޅުވީ އެމޭޒޮން ޖަންގަލީގައި މިހާރު ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ވަރުގަދަ ޤައުމުތަކުގެ މާލީ އަދި އެހެނިހެން އެހީއަށް އެދޭ ޤައުމުތަކަށް މި އެހީ ހަމަޖައްސައިދެވޭނެ ކަމަށެވެ. ފަރަންސޭސި ރައީސް ވިދާޅުވީ އެމޭޒޮންގައި ރޯވުމަކީ ބައިނަލްއަޤްވާމީ ކާރިޘާއެއްކަމަށާއި ފަރަންސޭސިވިލާތުން ދާދި އަވަހަށް އެ ޤައުމުގެ އަސްކަރީ އެހީވެސް މި އަލިފާންގަނޑުތަކުގެ އަސަރުކޮށްފައިވާ ޤައުމުތަކަށް ފޯރުކޮށްދޭނެކަމަށެވެ.
އެމޭޒޮން ޖަންގައްޔަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަންގައްޔެވެ. އަދި ދިރޭ އެއްޗެހި ބޭނުންކުރާ އޮކްސިޖަންގެ %20 އުފައްދަނީ މި ޖަންގަލިންނެވެ.