ޚަބަރު

އިރާޤުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ހަޝްދުއްޝައަބީގެ މަރުކަޒަކަށް ދިން ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ 6 މީހުން މަރުވެއްޖެ


އީރާނުގެ މަދަދު ލިބޭ އިރާޤުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ހަޝްދުއްޝައަބީގެ މަރުކަޒަކަށް ދިން ވައިގެ ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ 6 މީހުން މަރުވެއްޖެއެވެ.

ހަޝްދުއްޝައަބީގެ ކޮމާންޑުން ބުނީ ސޫރިޔާގެ ސަރަޙައްދީ ރޮނގުކައިރީގައިވާ އެ ޖަމާޢަތުގެ މަރުކަޒަށް ހަމަލާދިނީ އިސްރާއީލުކަމަށާ އެ ޙަމަލާތަކުގައި ހަ މީހުން މަރުވެ، ބައެއް އުޅަނދުތައް ހަލާކުވިކަމަށެވެ. މީގެކުރިންވެސް ހަޝްދުއްޝައަބީގެ އެތައް މަރުކަޒަކަށް ގޮތް ނޭނގޭ ޙަމަލާތަކެއްވަނީ އަމާޒުފައެވެ. އެއީ އިސްރާއީލުގެ ޙަމަލާތަކެއްކަމަށް ޝައްކުކޮށް ހަޝްދުއްޝައަބީގެ ކޮމާންޑަރުން ވާހަކަދެއްކެވިނަމަވެސް މިއީ އެ ޖަމާޢަތަށް އަމާޒުވީ އިސްރާއީލުގެ ޙަމަލާތަކެއްކަން ހަޝްދުއްޝައަބީން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ޢިރާޤުގައިވާ އީރާނުގެ މަދަދުލިބޭ ޖަމާޢަތްތަކަށް އިސްރާއީލުގެ ޙަމަލާތައް އަމާޒުވެދާނެކަމުގެ އިޝާރާތްތަކެއް މިދިޔަ ހަފުތާގައި ދެއްވާފައެވެ. އިސްރާއީލުން އާދީއްތަ ދުވަހުވަނީ ސޫރިޔާގެ ދިމިޝްގުގެ ކައިރީގައިވާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ މަރުކަޒަކަށް ޙަމަލާތަކެއްދިންކަމަށް ބުނެފައެވެ. އެހެންނަމަވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކުވަނީ ސޫރިޔާގައިވާ އެ ޖަމާޢަތުގެ އެއްވެސް މަރުކަޒަކަށް އިސްރާއީލުގެ ޙަމަލާއެއް އަމާޒުވެފައިނުވާކަމަށާއި އިސްރާއީލުން ހަދަނީ ދޮގުކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގައި އާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އިސްރާއީލުގެ އުދުވާނީ ޙަމަލާތައް އަވަށްޓެރި ޢަރަބި ޤައުމުތަކަށް ދެމުން ދަނީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މަޤުބޫލުކަން އިސްރާއީލުގެ އާންމުންގެ މެދުގައި އިތުރުކުރުމުގެ ނުބައި ރޭވުމުގެދަށުންކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތުންވަނީ ތުހުމަތުކޮށްފައެވެ.