ޚަބަރު

އުކުޅަހުގައި ޤާއިމް ކުރި އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފި


"ސްކީމާ 2019" ކޮންފަރެންސާއެކު އއ. އުކުޅަހުގައި ޤާއިމް ކުރި އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ.

ކޮންވެންޝަން ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަން ފާހަގަކުރައްވާފައެވެ. އަދި އުކުޅަހުގައި ހުޅުވިގެން ދިޔަ ކޮންފަރެންސް ސެންޓަރާއެކު އެ އަމާޒަށް ކުރާ ދަތުރުގެ ސްޕީޑް އަވަސް ވެގެންދާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ސެންޓަރެއް ރާއްޖޭގެ ރަށެއްގައި ޤާއިމް ކުރެވި ބައިނަލްއަޤުވާމީ ކޮންފަރެންސެއް ކުރިއަށް ގެންދެވުމަކީ ފާހަގަކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން އއ އަތޮޅަށާއި އުކުޅަހަށް ކުރިއެރުން ލިބި ވިޔަފާރި ކުރިއަރާ ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާގެ ފުންނާބުއުސް ފަރާތްތައް ހިމެނޭ އައި.އީ.އީން އިންތިޒާމުކުރާ "އުކުޅަސް ޓެކް ފެއަރ" ވެސް މިއަދު ވަނީ މި ކޮންވެންޝަން ސެންޓަރުގައި ފަށާފައެވެ. އުކުޅަހުގައި ކުރިއަށްގެންދާ މި ޓެކް ފެއަރ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) އާއި އުގައިލް ފައުންޑޭޝަން ގުޅިގެންނެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުން ޓެކްނޮލޮޖީގެ ދާއިރާއިން އެފަރާތްތަކުގެ އައު ހޯދުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. މި ފެއަރއަކީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެއަރއެކެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ފެއަރ އިންތިޒާމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާ ޕްރޮފެސަރ އުގައިލް ވިދާޅުވީ ރާއްޖޭގައި މިފަދަ ބައިނަލް އަގުވާމީ ކޮންފަރެންސެއް ކުރިއަށް ގެންދިއުމަކީ ދެކެމުން އައި ހުވަފެނެއްކަމަށެވެ. އަދި މިއަދު މިކަން އުކުޅަހުގައި ފެށިގެން ދިއުމަކީ މިފަދަ ފެއަރތައް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބޭއްވޭނެ ކަމުގެ ހެއްކެއްކަމަށް އުގައިލް ވިދާޅުވިއެވެ.

މި ފެއަރގައި ރާއްޖޭގެ ބައެއް މިނިސްޓްރީތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އެމީހުންގެ އައު ހޯދުންތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން އެމެރިކާއާއި ލިތުވޭނިޔާއާއި ސްޕެއިންގެ ޔުނިވަރސިޓީތަކާއި ކުންފުނިތަކުން މިފެއަރގައި ބައިވެރިވެ ހުށަހެޅުންތައް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.

އުކުޅަހުގައި މިއަދު ހުޅުވި އިންޓަރނޭޝަނަލް ކޮންފަރެންސް ސެންޓަރަކީ މާލެއާއި އައްޑުއަތޮޅު ފިޔަވައި، ރާއްޖޭގެ ރަށެއްގައި ހުޅުވުނު މިފަދަ ފުރަތަމަ ސެންޓަރެވެ.