މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޤާނޫނާ ޚިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް 155 ކުދިންގެ މައްސަލަ ހުށައަޅާފައިވާކަމަށް އެޔުނިޓުން ހާމަކުރައްވައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާ އަޅާބަލާއިރު 33 މައްސަލަ މަދު ޢަދަދެއްކަމަށް އެޔުނިޓުން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާ، އަޅާބަލާއިރު މައްސަލަތައް މަދުވެފައިވީނަމަވެސް ކުށްކުރަން ދިމާވާ ސަބަބުތައް އިތުރުކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކުށަށް އަރައިގަތް ކުދިންގެ ތަފާސްހިސާބަށް ބަލާއިރު 79 ކުއްޖަކު ކުށް ތަކުރާރުކޮށްފައިވާކަންވަނީ ހާމަވެފައެވެ. އަދި އެންމެ ގިނައިން ހުށައަޅާފައިވަނީ ޢުމުރުން 16 އަހަރާއި 18އަހަރާ ދެމެދުގެ ކުދިނެވެ. މީގެ ތެރެއިން %95 ކުދިންނަކީ ފިރިހެން ކުދިންނެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކި ސަބަބުތަކާއި ލައިގެން 65 ކުއްޖަކު ސްކޫލުނަވަނީ ވަކިވެފައެވެ. އަދި ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި ސްކޫލްގައި ތަޢުލީމު ޙާސިލުކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ އެޔުނިޓަށްވަނީ ހުށައަޅާފައެވެ.
ޢުމުރުން 18 އަހަރުނުވާ ކުދިންގެ މައްސަލަތައް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށައަޅާފައިވާ ގޮތުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން ހުށައާޅާފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކެވެ. މީގެ 55 ކުއްޖެއްގެ މައްސަލަވަނީ ހުށައަޅާފައެވެ.
ތޫނު އެއްޗެހި ބޭނުންކުރުމުގެ މައްސަލަތައް ވަރަށްބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ. އެގޮތުން ޖޫން މަހާހަމައަށް ހުށައަޅާފައިވަނީ މިފަދަ 4 މައްސަލައެކެވެ. މީގެ އިތުރުންވެސް ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތައް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށައާޅާފައިވާކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ.