ކުޅިވަރު

ލަންކާގައި ބާއްވާ ވޮލީ މުބާރާތުގައި ވެމްކޯގެ އަމާޒަކީ ދިވެހިރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުން: ވެމްކޯގެ ކޯޗް


އަންނަ މަހު ސްރީލަންކާގައި ފަށާ 33ވަނަ ނޭޝަނަލް ޔޫތް ސަރވިސަސް ކައުންސިލް، ރަޕުވަހީނި ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބައިވެރިވާ ޓީމްގެ އަމާޒަކީ ދިވެހިރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުންކަމަށް ކްލަބް ވެމްކޯގެ ކޯޗް އަދީލް ބުނެފިއެވެ.

މުބާރާތުގައި ވާދަކުރުމަށް ކްލަބް ވެމްކޯއިން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، މިއީ ރާއްޖެއިން ބޭރުގައި ބޭއްވޭ ކްލަބް ލެވެލް ވޮލީބޯޅަ މުބާރާތެއްގައި ދިވެހިރާއްޖޭގެ އަންހެން ޓިމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. 25 އަހަރުން ދަށުގެ ޓިމްތައް ވާދަކުރާ މިމުބާރާތުގައި ކްލަބް ވެމްކޯއިން ވާދަކުރާނީ ސުޕަރ ލީގު ކެޓަގަރީގައެވެ. މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކަމުން ކްލަބް ވެމްކޯގެ ކޯޗް އަދީލް ބުނީ މިއީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓިމެއް ވަދަކުރާ ފުރަތަމަ ފަހަރުކަމުން ބޭނުންވަނީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ކަމަށާއި އެންމެ ފުރަތަމަ ޓާގެޓަކީ މުބާރާތުގެ ފައިނަލަށް ވާސިލްވުންކަމަށެވެ. އެގޮތުން މިމުބާރާތަށް ވެމްކޯއިން އެކުލަވާލި ސްކޮޑަކީ މިވަގުތު ރާއްޖޭގައި ތިބި 25 އަހަރުން ދަށުގެ އެންމެ މޮޅެތި ކުޅުންތެރިން ހިމަނަގައިގެން އެކުލަވާލާފައިވާ ސްކޮޑެއްކަން އަދީލް ފަހަގަކުރިއެވެ.

އަދީލް ބުނީ މިމުބާރާތަށް އިންޑިއާގެ ޤައުމީ ލެވެލްގައި ވޮލީކުޅޭ ދެކުޅުންތެރިއަކު ޓީމަށް ގެންނަން ނިންމާފައިވާކަމަށާއި، ނަމަވެސް ދެކުޅުންތެރިންވެސް ޓިމާއި ގުޅޭނީ މިމަހުގެ 31ވަނަ ދުވަހު ލަންކާއިން ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރުމުގެ ކުރިން ޓީމް އެއްކޮށް ލަންކާގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށްވެސް އަދީލް ބުނިއެވެ.

މިމުބާރާތަކީ ސްރީލަންކާގެ ނޭޝަނަލް ޔޫތް ސަރވިސެަސް ކައުންސިލްއާއި ލަންކާގެ ވޮލީބޯޅަ ފެޑެރޭޝަންއާއި ސްރީ ލަންކާ ރުޕަވަހީނި ކޯޕަރޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުގެ ދަޢުވަތަކަށް ކްލަބް ވެމްކޯއިން މުބާރާތުގެ އަންހެންބައިން ވާދަކުރާއިރު މުބާރާތުގެ ފިރިހެންބައިގައި ރާއްޖޭގެ ގުޑީސް ސްޕޯޓްސް ކްލަބް ވާދަކުރާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ބޭއްވޭ އިންވިޓޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ފިރިހެން ކުލަބެއް ވާދަކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.