އަހަރުގެ މެދުތެރެއިން ދައުލަތުގެ ބަޖެޓް އިތުރުކުރިނަމަވެސް އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅަށްކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު ޒާހިރާ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރު މިދިޔައަހަރުގެ މިންގަނޑުގައި ދެމެހެއްޓުމަކީ އެކަށީގެންވާކަމަށެވެ. ސަބަބަކީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެތެރޭގައި ފަތުރުވެރިކަން ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ކުރިއަރާފައިވުމާއި، އެސިނާއަތުގެ ކެޕޭސިޓީ އިތުރުވެ ފުޅާވެގެން ގޮސްފައިވާތީކަމަށް ޒާހިރާ ވިދާޅުވިއެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ފަތުރުވެރިކަން ކުރިއަރާފައިވާ ދުވެލީގައި މިއަހަރުގެ ބާކީބައިވެސް ކުރިއަރާނެކަމަށް ބެލެވޭކަމަށް ޒާހިރާ ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު ފަތުރުވެރިކަން %14 އިތުރުވެފައިވާކަމަށާއި، އަހަރުގެ ބާކީބައިގަވެސް ފަތުރުވެރިން ހޭދަކުރާ ރޭގެ ނިސްބަތްވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ. އޭނާވަނީ ދައުލަތުގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅަށްކަމަށްވެސް ވިދާޅުވެފައެވެ.
"2019 ވަނައަހަރު އިންފްލޭޝަން ރޭޓް ޕޮއިންޓް ހަތެއް އިންސައްތައަށް މަތިވާނެކަމަށް ލަފާކުރެވޭ. ސަބަބަކީ 2018 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ސަބަބުން. އޭގެތެރޭގައި ކާޑުގެ ބާވަތްތަކަށް ސަބްސިޑީ އަލުން ދިނުމާއި ކަރަންޓާއި ފެނުގެ އަގުހެޔޮކުރުމަށް ނިންމުމުން އޭގެ އަސަރުތައް." ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ، މިއަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 602.2 މިލިއަން ޑޮލަރުގައި ހުރިއިރު، ބަޖެޓަށް އިތުރުކުރި މިންވަރާއެކު މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 558.21 މިލިއަން ޑޮލަރުގައިކަމަށެވެ.
ދައުލަތުގެ އިޤްތިޞާދީ މިސްރާބު ހުރީ ރަނގަޅަށްކަަމަށް އެމްއެމްއޭއިން ހާމަކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަހަރު އެންމެ ބޮޑަށް ކުރިއަރައިގެން ދާނެ ސަބަބަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޔޫރަޕް ސަރަހައްދުގެ ޤައުމުތަކުންނާއި ކުރިއަރަމުން އަންނަ މާކެޓްތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވުމާ ގުޅިގެން، ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޢަދަދު އިތުރުވެގެންދާނެކަމަށެވެ. އަދި ރާއްޖެ އާއި އެހެނިހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އެމްއެމްއޭއިންވިދާޅުވެއެވެ.