ވިޔަފާރި

މިޔަރުގެ މަސްވެރިކަން ހުއްދަކުރުމުގެ ވިސްނުމެއް ނުގެންގުޅެން- ފިޝަރީސް މިނިސްޓްރީ


ރާއްޖޭގައި މަނާކޮށްފައިވާ މަސްވެރިކަމުގެ ބާވަތެއްކަމަށްވާ "މިޔަރުގެ މަސްވެރިކަން" ހުއްދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ މިޔަރުގެ މަސްވެރިކަން ހުއްދަކުރާ މިންވަރަށް ވުރެ މިޔަރުގެ އާބާދީ އަދި މަދުކަމަށާއި އެހެންކަމުން މި ބާވަތުގެ މަސްވެރިކަން އަލުން ރާއްޖޭގައި ފެށުމުގެ އެއްވެސް ވިސްނުމެއް މިނިސްޓްރީން ނުގެންގުޅޭކަމަށެވެ. އަދި ރާއްޖެއިން މިޔަރާއި ވެލާ ފަދަ ޒާތުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައި އޮތް އޮތުމަކީ ބައިނަލްއަޤްވާމީ ޤައުމުތަކުން ރާއްޖެ ބަލައިގަންނަކަމެއްކަމަށާއި، މިކަމުން ޤައުމަށް ރަނގަޅު ނަން ލިބޭކަމަށް ވެސް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިޔަރުގެ މަސްވެރިކަން ހުއްދަނުކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު، މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ބައެއް މަސްވެރިން އެދިފައިވެއެވެ. މިފަދައިން މަސްވެރިންތަކެއް އެދިފައިވަނީ މިޔަރުތައް ގިނަވެ ކަނޑުމަހުގެ މަސްވެރިކަމަށް އަސަރުކުރާތީކަމަށް ބައެއް މަސްވެރިން ބުނެފައިވެއެވެ.

މިޔަރު މަސްވެރިކަމަކީ 2010 ވަނަ އަހަރާއި ހަމައަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރަމުންއައި މަސްވެރިކަމެކެވެ. އެހެންނަމަވެސް، މިޔަރުގެ އާބާދީ މަދުވެ ރާއްޖޭގެ ކަނޑުން މިޔަރު ގެއްލިދާނެކަމުގެ ބިރަށްޓަކައި އޭރުއްސުރެ މިއަދާއި ހަމައަށް މިޔަރު ވަނީ ހިމާޔަތްކޮށްފައެވެ.