ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން މިދިޔަ ހަފްތާގައި 769 ވެހިކަލެއްގައި ފުލުހުންވަނީ ސްޓިކަރ ޖަހާފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ހަތްސަތޭކައަށްވުރެ އިތުރު ޢަދަދެކެވެ.
ކޮންމެ ހަފްތާއަކު އެއްފަހަރު ފުލުހުން ޢާއްމުކުރަމުން އަންނަ ޓްރެފިކް މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް ޢާއްމުކޮށްފައިވާއިރު މިދިޔަ ހަފްތާގެތެރޭގައި ޓްރެފިކް މައްސަލަތައްވަނީ އިތުރުވެފައެވެ. މަގުމަތީގައި ހިނގާފައިވާ އެކްސިޑެއްޓުތައް އިތުރުވެފައިވއިރު މިދިޔަ ހަފްތާގައިވަނީ 43 އެކްސިޑެންޓެއް ހިނގާ 13 މީހަކަށް އަނިޔާވެފައެވެ. މިދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފުވެގެން ވަނީ 47 ވެހިކަލެއް ޓޯވް ކޮށްފައެވެ.
މިދިޔަ ހަފްތާގައި ފަސްސަތޭކައަށްވުރެ ގިނަ ވެހިކަލް ފުލުހުން ބަލައި ފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވެގެން އެންމެ ގިނައިން ހިފަހައްޓާފައިވަނީ ލައިންސަންސް ނެތި ދުއްވި މީހުންނެވެ. އެގޮތުން އެފަދަ 140 މީހަކުވަނީ ހިފަހައްޓާފައެވެ. މީގެއިތުރުން ލައިސެންސް ކާޑު ނެތި ދުއްވި 107 ފަރާތެއްވެސް ފުލުހުންވަނީ ހިފަހައްޓާފައެވެ.
އިންޝުއަރެންސާއި ރޯޑް ވާރދިނެސް ނެތި ދުއްވި 115 މީހަކާއި އަހަރީ ފީ ނުދައްކާ 57 މީހަކުވެސް ފުލުހުންވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން ޤަވާއިދުގައި އޮންނަ ވަރަށްވުރެ ބާރަށް ދުއްވާފައިވާ 52 މީހަކުވެސް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހިފަހައްޓާފައެވެ. މީގެ އިތުރުން ފުލުހުން ޓްރެފިކް ބެލުމަށް ހިނގި އޮޕަރޭޝަންތަކުގައި 140 މީހަކަށްވަނީ ގަވާއިދާ ގުޅޭގޮތުން ނަސޭޙަތްތެރިވެ ދޫކޮށްލާފައެވެ.
ތިމާވެށި ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައިވަނީ ކުންޏާ ގުޅޭ 88 މައްސަލައެއް ޙައްލުކޮށްފައެވެ. އަދި ކުނި ރަނގަޅު ގޮތުގައި މެނޭޖްކޮށްފައިނުވާތީ 4 ފަރާތެއްވަނީ ޖޫރިމަނާކޮށްފައެވެ. ކުނި ހުންނަ ތަންނާއި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރެވޭތޯ ބެލުމަށް ފުލުހުންގެ ތިމާވެށި ޑިޕާޓްމަންޓުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާގައިވަނީ ގެދޮރާއި އޮފީސް ޢިމާރާތުގެ ގޮތުގައި ބޭނުންކުރާ 21 ތަނަކާއި 26 ފިހާރައަކާއި 2 ކެފޭ ރެސްޓޯރެންޓާއި 46 ކޮންސްޓްރަކްޝަން ސައިޓު ބަލާ ފާސްކޮށްފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަޙައްދުގައި ދުންފަުގެ އިސްތިއުމާލުކުރުމުގެ ސަބަބުން 15 ފަރާތެއްވަނީ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ. މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އެކި އޮޕަރޭޝަންތައް ހިންގަމުން އަންނައިރު އެއިދާރާއިން އަންނަނީ ކޮންމެ ހަފްތާއަކު ލިބޭ މަޢުލޫމާތުތައް ޢާއްމުކުރަމުންނެވެ.