ޚަބަރު

ޖެންޑަރ މިނިސްޓްރީއަށް ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދުވެއްޖެ


މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް މިދިޔަ ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދުވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަހުގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 11 އިންސައްތަ މަދުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު ޖެންޑަރ މިނިސްޓްރީއަށް 214 މައްސަލަ ހުށަހެޅުނުއިރު ޖޫންމަހު ހުށަހެޅުނީ 241 މައްސަލަކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ޖޫން މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލައަށް ވުރެ 16 އިންސައްތަ މަދު އަދަދެކެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން ޖިންސީ ހާނީއްކައިގެ 34 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 25 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 19 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 11 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 8 މައްސަލައާއި ކުދިންގެ ވަގުވިޔަފާރި ކުރުމުގެ 1 މައްސަލަ ހުށަހެޅުނު ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި މައްސަލަތަކުގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 4 މައްސަލައެއްވެސް ހުށަހެޅިފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައާއި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ އާއި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލަވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަ ހުށަހެޅުނުއިރު މީގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 9 މައްސަލައާއި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ ހިމެނެއެވެ. އަދި މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޢާއިލީ މައްސަލަތަކުގެ ގޮތުގައި 27 މައްސަލައެއްވެސް ހިމެނިފައިވެއެވެ.

ކުޑަކުދިންނާ ގުޅުންހުރި ތަފާތު މައްސަލަތައް މިދިޔަމަހުވެސް ހުށަހެޅިފައިވާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 35 މައްސަލައެއްވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައްކަމަށް މިނިސްޓްރީމް ހާމަކުރައްވައެވެ. އެގޮތުން މި ބާވަތުގެ 13 މައްސަލަ މިދިޔަމަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލައާއި ޖިންސީ ހާނީއްކަކުރުމުގެ 5 މައްސަލައާއި ރޭޕްކުރުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 3 މައްސަލައާއި އިހުމާލުވުމުގެ 2 މައްސަލަ އާއި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަވެސް ހުށަހެޅުނުކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެ މިނިސްޓްރީއިން ބެލި މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅުނު 9 މައްސަލައާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.