ޚަބަރު

ސްރީ ލަންކާގައި އިޢުލާންކުރި ކުއްލި ޙާލަތު ބާޠިލްކޮށްފި


މިދިޔަ އޭޕްރިލް މަހު ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު އެ ޤައުމުގައި އިޢުލާންކުރި ކުއްލި ޙާލަތު ބާޠިލްކޮށްފިއެވެ.

އޭޕްރިލް މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާގެ ފައްޅިތަކާ މަތީ ފަންތީގެ ހޮޓާތަކަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން މަރުވެ، 500އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. މި ޙަމަލާ ދީފައިވަނީ ސްރީލަންކާގައި ޙަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ ޖަމާޢަތަކުންކަމަށް ސްރީ ލަންކާއިންވަނީ ބުނެފައެވެ.

މި ޙަމަލާތަކަށްފަހު ސްރީ ލަންކާގައި އިޢުލާންކުރި ކުއްލި ޙާލަތުގެ ދަށުން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް އިތުރު ބާރުތަކެއް ލިބިގެންދިޔައެވެ. މީގެ ތެރޭގައި މި ޙަމަލާއާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލާ ސުވާލުކޮށް ހިފެހެއްޓުމުގެ ބާރު ހިމެނެއެވެ.

ސްރީ ލަންކާގެ ފުލުހުންގެ ތަރުޖަމާނު ބުނެފައިވަނީ ކުއްލި ޙާލަތާ ގުޅުން ހުރި ޤާނޫނު ތަންފީޒުކުރަން ހުއްޓާލި ނަމަވެސް އެ ޤައުމުގެ ދާޚިލީ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުލުހުންނަށް އެހީވަމުންދާނެކަމަށެވެ.

ސްރީލަންކާގެ ރައީސް މައިތިރީޕާލާ ސިރިސޭނާ ވިދާޅުވެފައިވާ ގޮތުގައި މި ޙަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ އެންމެން މިހާރުވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.