ޚަބަރު

ކެރަލާ އަދި ތެމިލް ނާޑޫގެ ސަލާމަތީކަންކަން ވަރުގަދަކޮށްފި


ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ ކެރަލާ އަދި ތެމިލް ނާޑޫ ސްޓޭޓުގައި ޓެރަރިސްޓް ޙަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ޕާކިސްތާނުގައި ޙަރަކާތްތެރިވާ ލަޝްކަރޭ ޠައިބާ ޖަމާޢަތުގެ 6 ހަނގުރާމަވެރިންވަނީ އިންޑިއާގެ ދެކުނުގެ ސަރަޙައްދުތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެތެރެވެފައެވެ. މި މީހުން އެތެރެވެފައިވަނީ ލަންކާ މަގުންކަމަށާއި ޙަމަލާ ދީފާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން މިހާރު ވަރުގަދަކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އެގޮތުން، ޙަމަލާ ދީފާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގެ ތެރޭގައި އަޅުކަން ކުރަން މީހުން އެއްވެއުޅޭ ތަންތަނާއި ރޭލް އަދި ބަސް ސްޓޭޝަންތައް ހިމެނޭކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެއެވެ. އަދި މިކަމުގެ މަޢުލޫމާތު އިންޑިއާގެ ޖާސޫސީ އިދާރާތަކަށް ލިބުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ފުލުހުން މަގުތަކަށް ނެރެފައިވީނަމަވެސް ޢާއްމުން ކަންބޮޑުވާންޖެހޭކަމެއް އަދި ނެތްކަމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުންވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވީ މިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، ޓްރިވަންޑްރަމްގައި ހުންނަ ކޮންސޫލޭޓާ ވާހަކަ ދައްކަމުންދާކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ ކަމެއް ނެތްކަމަށް ކޮންސޫލޭޓުން ވިދާޅުވެފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

2008ވަނަ އަހަރު އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީއަށް ލަޝްކަރޭ ޠައިބާ ޖަމާޢަތުގެ ދިން ވަރުގަދަ ޙަމަލާތަކެއްގައި 160އަށްވުރެ ގިނަ މީހުން މަރުވެ، 300އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.