ވިޔަފާރި

ކޮރެޔާއިން އެންމެ އިތުބާރުކުރާ ވިޔަފާރީގެ ބައިވެރިންގެ ލިސްޓުން ޖަޕާން އުނިކޮށްފި


ދެކުނު ކޮރެޔާއިން އެންމެ އިތުބާރުކުރާ ވިޔަފާރީގެ ބައިވެރިންގެ ލިސްޓުން ޖަޕާން އުނިކުރަން ނިންމައިފިއެވެ.

ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ސަންގ ޔުންމޯ ވިދާޅުވީ، ދެކުނު ކޮރެޔާއިން އެންމެ އިތުބާރުކުރާ ވިޔަފާރީގެ ބައިވެރިންގެ ލިސްޓުން ޖަޕާނު އުނިކުރަން ނިންމީ، ބައިނަލްއަޤްވާމީ އެކްސްޕޯޓާބެހޭ އުސޫލުތަކާ ޖަޕާނުން ޚިލާފުވުމުންކަމަށެވެ.

ދެކުނު ކޮރެޔާއިން ޖަޕާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، ދެ ޤައުމުގެ ވިޔަފާރިވެރިންނަށްވެސް ދަތިތަކަކާ ކުރިމަތިވާނެއެވެ. އެގޮތުން އެކްސްޕޯޓް ކުރުމުގެ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް އިތުރުވުމާއި ލިޔެކިޔުންތައް އެޕްރޫވްކުރުމަށް ނަގާ މުއްދަތުވެސް އިތުރުވާނެއެވެ.
ދެކުނު ކޮރެޔާއިން ބުނީ އެޤައުމުން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ޖަޕާނުން މަޝްވަރާކުރަން ބޭނުންވާނަމަ އެފުރުޞަތު ހުޅުވިފައިވާކަމަށެވެ.

ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ވިދާޅުވީ މި ފިޔަވަޅުތަކަކީ މަޝްވަރާތަކަކަށްފަހު އެޅި ފިޔަވަޅުތަކެއްކަމަށާއި، ޖަޕާނުން އެޅި ފިޔަވަޅަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އެޅި ފިޔަވަޅެއް ނޫންކަމަށެވެ. ދެކުނު ކޮރެޔާގެ އެންމެ އިތުބާރު ކުރެވޭ ބައިވެރިންގެ ލިސްޓުން ޖަޕާނު އުނިކޮށްފައިވާއިރު، ޖަޕާނުންވެސް ވަނީ އެޤައުމުން އެންމެ ބަލައިގަންނަ ވިޔަފާރީގެ ބައިވެރިންގެ ލިސްޓުން ދެކުނު ކޮރެޔާ މިމަހު އުނިކޮށްފައެވެ.

ޖަޕާނާއި ދެކުނު ކޮރެޔާގެ ދެމެދުގައި ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ ފެށިގެން ދިޔައީ މިދިޔަމަހު ޖަޕާނުން ދެކުނު ކޮރެޔާއަށް އެކްސްޕޯޓްކުރާ ޓެކްނޮލޮޖީއާ ގުޅުންހުރި ބައެއް ތަކެތި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުންނެވެ. މިފިޔަވަޅުތަކާއެކު ދެކުނު ކޮރެޔާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ބޮޑު ދައްޗެއް ކުރިމަތިވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޖަޕާނާއި ދެކުނު ކޮރެޔާގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށިފައިވާއިރު، ދެކުނު ކޮރެޔާއަކީ ޖަޕާނާއެކު 3 ވަނައަށް އެންމެ ގިނައިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމެވެ. ދެކުނު ކޮރެޔާއިން އަހަރަކު 54 ބިލިއަން ޑޮލަރުގެ މުދާ ޖަޕާނުން ގަނެއެވެ.