ޚަބަރު

ގޮތްނޭނގޭ ބޭސްތައް އޮންލައިންކޮށް ގެނެސް ވިއްކާނަމަ ފިޔަވަޅުއަޅާނަން - ހެލްތް މިނިސްޓްރީ


އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭހާއި، ބޭހުގެ މާއްދާތައް އެކުލެވޭ ބާވަތްތައް އެތެރެކޮށް ވިއްކާނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބޭހާބެހޭ ޤަވައިދު ބުނާގޮތުން މިފަދަ ބޭހުގެ ބާވަތްތައް އެތެރެ ކުރަންވާނީ ޞައްޙަ ބޭސް ސިޓީއެއް އޮވެގެންނެވެ. އަދި ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ ބޭހާބެހޭ ޤަވާޢިދު މަނާކުރާކަމެކެވެ.
މިކަމާގުޅިގެން ހެލްތު މިނިސްޓްރީން ޢާއްމުކޮށްފައިވާ އިޢުލާނެއްގައިވަނީ އޮންލައިންކޮށް ގަނެގެންނާއި އަތްމަތީގައި ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިސްތިހާރުކޮށް، ބޭހުގެ މާއްދާތައް އެކުލެވޭ ބާވަތްތަކުގެ ބޭސް އެކި ގޮތްގޮތުން ވިއްކަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާކަމަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ މިގޮތަށް އެތެރެކުރާ ބޭސްތަކަކީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ބޭސްތައް ނޫންކަމަށެވެ. އަދި ބައެއް ބޭސްތަކުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުހުންނަކަމަށާ، ބައެއް ބޭސްތަކުގެ ލޭބަލްގައި ހުންނަ ތަކެތި ކިޔަން އެނެގޭނެހެން ލޭބަލްގައި ނުހުންނަކަމަށްވެސް މިނިސްޓްރީގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިނިސްޓްރީގެ ހުއްދަ ނެތި މިގޮތަށް ބޭސް އެތެރެކުރާނަމަ އެކަމާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ބޭސް އޮންލައިން ޕޭޖުތަކުގައާއި، ބައެއް ފިހާރަތަކުގައި ބަހައްޓައިގެންވެސް ވިއްކަމުންދެއެވެ.