ވިޔަފާރި

އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ތައިލެންޑުން 10 ބިލިއަން ޑޮލަރުގެ ޕެކޭޖެއް


ތައިލެންޑުގެ އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް 10 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ހުށަހެޅުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ތައިލެންޑުގެ ސަރުކާރުން ނިންމާފައި މިވަނީ އެޤައުމުގެ އިޤްތިޞާދީ ދުވެލި 2.8 އިންސައްތައަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެއްޓުމާ ގުޅިގެނެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ތައިލެންޑުގެ އިޤްތިޞާދީ ދުވެލި 3 އިންސައްތައަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް 10 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ހުށަހެޅުމަށް ނިންމާފައިވާއިރު، މިފައިސާ ބޭނުންކުރާނީ އެންމެ އަވަހަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށްކަމަށް ތައިލެންޑުގެ ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ހަނަފަސްކަމުގެ ސަބަބުން ދަނޑުގޮވާންކުރުމަށް ދަތިވެފައިވާ 9 ލައްކައަށްވުރެ ގިނަ ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް މިފައިސާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓުއަރިޒަމް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މިފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ފައިސާގެ އެހީގެ އިތުރުން، އިޤްތިޞާދަށް ކުރިއެރުންލިބި، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށްވެސް ތައިލެންޑުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، އޮން އެރައިވަލް ވިސާ އިތުރު ޤައުމުތަކުގެ ރައްޔިތުންނަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ތައިލެންޑުގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި 10 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖްގެ ސަބަބުން ތައިލެންޑުގެ އިޤްތިޞާދީ ދުވެލި އަލުން 3 އިންސައްތައިގައި ހިފެހެއްޓޭނެއެވެ.