ވިޔަފާރި

އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ދީފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު އިތުރުކުރަނީ


އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ޗައިނާގެ ވާވޭ ކުންފުންޏަށް ދީފައިވާ ވަގުތީ ހުއްދަ އިތުރުކުރަން އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ޗައިނާގެ ވާވޭ ކުންފުންޏަށް ދީފައިވާ ވަގުތީ ހުއްދަ އިތުރު 90 ދުވަހަށް އިތުރުކުރުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ނިންމާފައެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ވާވޭ ކުންފުންޏާއެކު ވިޔަފާރިކުރުން އެމެރިކާގެ ކުންފުނިތަކަށް މިއަހަރުގެ ކުރީކޮޅު ވަނީ މަނާކޮށްފައެވެ. އެއާއެކު ވާވޭގެ ފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ އާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުން އެމެރިކާގެ ކުންފުނިތަކަށް މަނާވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ވާވޭ ޚިދުމަތް ހޯދާ އެމެރިކާގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭ ކުންފުންޏަށް ވަގުތީގޮތުން ހުއްދަ ދީފައިވަނީ މިދިޔަ މޭމަހުއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގައިވެސް ވާވޭގެ މައްސަލައަކީ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާ އެއް މައްސަލައެވެ. އެމެރިކާއިން ބުނާގޮތުން ވާވޭއަކީ ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ޓެކްނޮލޮޖީ ކުންފުންޏެކެވެ. ނަމަވެސް ޗައިނާއިން މިކަން ދޮގުކުރެއެވެ. ޗައިނާއިން ޤަބޫލުކުރާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ޓެލެކޮމިއުނިކޭޝަނަށް ބޭނުންވާ އާލާތްތައް އުފައްދާ ވާވޭއާ ދެކޮޅަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަކީ ޗައިނާގެ އިޤްތިޞާދަށް ގެއްލުންދިނުމުގެ ނިޔަތުގައި އަޅާ ފިޔަވަޅުތަކެކެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން މިހަފްތާގެ ތެރޭގައި ވާވޭގެ މައްސަލައާ ގުޅޭގޮތުން ފޯނުން މަޝްވަރާތަކެއް ކުރިއަށްގެންދާނެއެވެ.