ކުޅިވަރު

އަނެއްކާވެސް ދިއްދޫގައި ކުރިޔަށްދިޔަ ފުޓްބޯޅަ މުބާރަތް ހޫނުވެ ތަޅާފޮޅުމަކަށް!


ހއ.ދިއްދޫގައި ކުރިއަށްދިޔަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވެއްޖެއެވެ.

މަސްލަހަތު ގެއްލި މާރާމާރީ ހިންގާފައިވަނީ، މިއަދު ހަވީރު ދިއްދޫގައި ކުރިއަށްދިޔަ ތިންވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގެ “ޓީނޭޖް” އަދި “ހީވެސްނުވޭ” ބައްދަލުކުރި ފައިނަލް މެޗުގެ ދެވަނަ ހާފްގެ ތެރޭގައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ ބަކާގެ ލަނޑަކާއެކު 1-0 އިން “ހީވެސްނުވޭ” ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފް ކުރީކޮޅު އިތުރު ލަނޑެއް ޖަހައި “ހީވެސްނުވޭ” އިން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގައި ހަމަނުޖެހުން ހިނގީ ދެވަނަ ހާފްގެ ތެރޭގައި “ހީވެސްނުވޭ” ގެ ފަތޯ ޖަހައިދިން ތިންވަނަ ލަނޑާއެކުގައެވެ. އެލަނޑު ޖެހުމާއެކު “ޓީނޭޖް” އިން ބުނަމުންދިޔައީ ކީޕަރަށް ފައުލް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ރެފްރީ ކައިރީގައި ވަރަށް ބޮޑަށް ޓީނޭޖު ކުޅުންތެރިން ކުރަން ފެށިއެވެ.

އެކަމާ ގުޅިގެން ހިނގި ހިތްހަމަނުޖެހުމުގެ ތެރޭގައި ރެފްރީއާ ދިމާލަށް ބުނި ބަހަކުން “ޓީނޭޖް” ގެ ކެޕްޓަން މޯޖުއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވިއެވެ.

ޓީނޭޖްގެ ކެޕްޓަނަށް ދެއްކި ރަތް ކާޑާއެކު އޭނާ ވަނީ އޮފިޝަލުންގެ މޭޒު ފުށުން ޖަހައި ގެއްލުން ދީފައެވެ. އެޓީމުގެ އިތުރު ކުޅުންތެރިއަކު ރެފްރީއަށް ހަމަލާދީފައިވާއިރު އެ ކުޅުންތެރިޔާއަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި އެޓީމްގެ ސަޕޯޓަރަކުވަނީ މުބާރާތުގެ ޓްރޮފީ ހަލާކުކޮށްލާފައެވެ.

“ޓީނޭޖް” ގެ ބައެއް ކުޅުންތެރިން ވަނީ އޮފިޝަލް މޭޒުތަކާއި ގޮނޑިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ހަމަނުޖެހުންތަކަށްފަހުގައި “ޓީނޭޖް” ޓީމުން ވަނީ މެޗާއި މެދު ވަކި ގޮތެއް ނުނިންމަނީސް ދަނޑު ދޫކޮށް ގޮސްފައެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކޮށްފައިވަނީ، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ.

ދިއްދޫ ކައުންސިލުން އިންތިޒާމްކުރި މި މުބާރާތުގެ ހޫނުވި މެޗު އަލުން ކުރިއަށް ގެންދަން ވަނީ މަސައްކަތް ކޮށްފައެވެ. “ހީވެސްނުވޭ” ޓީމުން ދަނޑަށް އަރާ ތައްޔާރަށް ތިބި ނަމަވެސް، “ޓީނޭޖް” އިން ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ.

“މެޗުގެ ފަހު ހާފްގެ ބާކީ އޮތް 18 މިނެޓް ކުޅުމަށްޓަކައި ދެޓީމަށްވެސް އެންގި ނަމަވެސް “ޓީނޭޖް” އިން ދަނޑަށް ހާޒިރުވެފައި ނުވާތީވެ، މި މެޗު 3-0 އިން “ހީވެސްނުވޭ” ކާމިޔާބު ކުރިކަމަށް ނިންމައި މެޗު ވަނީ ނިއްމާލާފައެވެ.

މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ނުބާއްވަންވެސް ދިއްދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ހއ.ދިއްދޫގައި ކުރިއަށްދިޔަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް ހޫނުވެ ރެފްރީއަށް ހަމަލާދީ، އޮފިޝަލުންގެ މޭޒާއި ގޮނޑިތަކަށް އަދި ޓްރޮފީއަށް ގެއްލުންދީފައިވާއިރު، ނިމިދިޔަ ފިޠުރު ޢީދުގައި ބޭއްވި ފުޓްސަލް މުބާރާތްވެސް ހޫނުވެ ފުޓްސަލް ދަނޑުގެ ޓާފްތައް އުކާލައި، ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ފުޓްސަލް ދަނޑަށްވެސް ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.