ވިޔަފާރި

ކެތޭ ޕެސިފިކްގެ ސީއީއޯ އިސްތިއުފާ ދީފި


ހޮންގކޮންގެ އެންމެ ކުރިއަރާފައިވާ އެއަރލައިން، ކެތޭ ޕެސިފިކްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ރުޕަޓް ހޮގް މަޤާމުން އިސްތިއުފާދީފިއެވެ.

ރުޕަޓް ހޮގް ކެތޭ ޕެސިފިކްގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދީފައިވަނީ ހޮންގކޮންގައި ކުރިއަށްދާ މުޒާހަރާތަކުގައި ކެތޭ ޕެސިފިކްގެ ބައެއް މުވައްޒަފުން ބައިވެރިވުމުގެ ޝަކުވާއާއެކު، އެކުންފުނީގައި މައްސަލަތަކެއް އުފެދިފައިވަނިކޮށެވެ. އަދި ހޮންގކޮންގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް ކެތޭ ޕެސިފިކްއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިވިން އެއަރޕޯޓްތަކަށް ވަނުމާއެކު ކެތޭ ޕެސިފިކްގެ އެތައް ފްލައިޓްތަކެއްވެސް ވަނީ ކެންސަލްކޮށްފައެވެ.

މިމައްސަލަ ގަނޑުތެރޭގައި ކެތޭ ޕެސިފިކްގެ ސީއީއޯ އިސްތިއުފާ ދީފައިވާއިރު، އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރވެސް ވަނީ އިސްތިއުފާދީފައެވެ. ކެތޭ ޕެސިފިކްގެ ބައެއް މުވައްޒަފުން މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން ޗައިނާއިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މުޒާހަރާގައި ބައިވެރިވާ ކުރޫއިން ތިބޭ ފްލައިޓްތައް ޗައިނާއަށް އައުން މަނާކުރާނެކަމަށްވެސް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ކެތޭ ޕެސިފިކްއަށް އޮތް މައްސަލައަކީ މުވައްޒަފުން މުޒާހަރާތަކުގައި ބައިވެރިވުމެއް ނޫނެވެ. ނަމަވެސް މުޒާހަރާތަކުގެ ސަބަބުން ހޮންގކޮންގެ އިޤްތިޞާދަށްކުރާނެ ނޭދެވޭ އަސަރުތަކުގެ ގެއްލުން ކެތޭ ޕެސިފިކްއަށްވެސް ކުރުމެވެ. އެގޮތުން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ، ކެތޭ ޕެސިފިކް ބޭނުންކުރާ ފަސިންޖަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ.