ވިޔަފާރި

މެކްބުކް ޕްރޯ ފްލައިޓްތަކަށް އެރުވުން މަނާ!


އެޕަލް މެކްބުކް ޕްރޯ ލެޕްޓޮޕްތައް ފްލައިޓްތަކަށް އެރުވުން ބައެއް އެއަރލައިންތަކުން މަނާކޮށްފިއެވެ.

އެއަރލައިންތަކުން މެކްބުކް ޕްރޯގެ ބައެއް ލެޕްޓޮޕްތައް މަތިންދާބޯޓުތަކަށް އެރުވުން މަނާކޮށްފައި މިވަނީ، މެކްބުކް ޕްރޯގެ ބައެއް ލެޕްޓޮޕްތަކުގެ ބެޓަރިތަކުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ، އެ ލެޕްޓޮޕްތައް ބަދަލުކުރުމަށް އެޕަލްއިން އަންގާފައިވަނިކޮށެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ވިއްކާފައިވާ އެޕަލް މެކްބުކް ޕްރޯގެ 15 އިންޗީގެ ބައެއް ލެޕްޓޮޕްތަކުގެ ބެޓަރިތައް ހޫނުވެ، އަލިފާން ރޯވުމުގެ ފުރުޞަތު އެބައޮތްކަމަށް އެޕަލްއިން ވަނީ މިދިޔަ ޖޫންމަހު ހާމަކޮށްފައެވެ.

މެކްބުކް ޕްރޯގެ ބައެއް ލެޕްޓޮޕްތަކުގައި މައްސަލަތަކެއް އުޅޭކަން އެޕަލްއިން ހާމަކުރުމުން، އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ އެމެރިކާގެ ކޮމާޝަލް ފްލައިޓްތަކަށް މައްސަލަ ދިމާވެފައިވާ މަރުކާގެ ލެޕްޓޮޕްތައް އެރުވުން މަނާކޮށްފައެވެ.

އެމެރިކާގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެގެންސީންވެސް ވަނީ މިކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މެކްބުކް ޕްރޯ ލެޕްޓޮޕްތައް ފްލައިޓްތަކަށް އެރުވުމުގެ ކުރިން ނިއްވާލުމަށް ވަނީ އަންގާފައެވެ. އަދި ބައެއް އެއަރލައިންތަކުން ކާގޯގެ ގޮތުގައި މެކްބުކް ޕްރޯ ލެޕްޓޮޕް އުފުލުންވެސް މަނާކޮށްފައެވެ.

އެޕަލްއިން ބުނެފައިވަނީ އެޕަލްގެ ވެބްސައިޓަށް ޒިޔާރަތްކުރުމުން ގެންގުޅޭ މެކްބުކް ޕްރޯ ލެޕްޓޮޕްގައި މައްސަލައެއް އުޅޭކަން ޔަޤީންކުރެވޭނޭކަމަށެވެ. އަދި މައްސަލައެއް އުޅޭނަމަ އިތުރު އަގެއް ނުނަގާ މައްސަލަ ހައްލުކޮށްދޭނެކަމަށް އެޕަލްއިން ބުނެއެވެ.