ޚަބަރު

ޕްލާސްޓިކު ކޮތަޅާއި ވެހިކަލްތަކުގެ މައްސަލަ ޙައްލުނުވާންވީ ސަބަބެއް ނެތް - ސިފާ


ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކޮތަޅުގެ މައްސަލައާއި ވެރިރަށް މާލެއަށް ދިމާވެފައިވާ އެއްގަމު އުޅަނދު ހައްދެއްނެތި އިތުރުވުމުގެ މައްސަލައެވެ. މި ދެމައްސަލަ ޙައްލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ދެކެވަޑައިގަންނަވައެވެ.

މާލޭގައި މިމައްސަލަތައް ހައްލުކުރެއްވުމަށް ދިމާވެފައިވާ ދަތިތަކާއި، ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މާލޭގެ މޭޔަރ ސިފާ މުޙައްމަދު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ސިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުމުގެ މައްސަލަ ޙައްލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މާލެއަށް އެތެރެކުރާ ވެހިކަލްތައް ކޮންޓްރޯލްކޮށް ލިމިޓް ނުކުރެވެންވީ ސަބަބެއްވެސް ނެތްކަމަށެވެ. ވެހިކަލް ލިމިޓު ކުރުމަށް މިހާރުވެސް މާލޭ ސިޓީ ކައުންސިލުން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާނެކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާގެ މިޓުވީޓާއި ގުޅިގެން ގިނަބައެއްގެ ޝަކުވާއާއި ކަންބޮޑުވުން ވަނީ ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފައެވެ. މިމައްސަލަތަކާ ގުޅިގެން ކަމާގުޅުންހުރި މުއައްސަސާތަކާއި ވުޒާރާތަކާއެކު ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކުރައްވައި ނިންމާފައިވާ އެއްވެސް ނިންމެވުމެއް މިއަދާހަމައަށްވެސް ޢާއްމުނަށް ފެންނަން ނެތްކަން ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރު ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި ސިޓީ ކައުންސިލްވެސް ވެރިކަންކުރާ މައި ޕާޓީއަށް އޮވެފައި ކަންކަން ޙައްލުނުވެ ދިގުލައިގެންދިއުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބައެއްމީހުން ބުނެފައިވެއެވެ.

ސަރުކާރަށް 10 މަސްވެގެންދާއިރު ޕްލާސްޓިކް ކޮންޓްރޯލްކުރުމަށްވެސް އަދި ދެންހުރި މައްސަލަތައް ޙައްލުކުރުމަށްވެސް އެދެވޭ ފިޔަވަޅުތަކެއް އެޅިފައި ނެތްކަމަށް ޢާއްމުންދެކެއެވެ. މިކަމާމެދު ޢާއްމުންގެ ޝަކުވާތައް އިތުރުވެފައިވާއިރު މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖުލީހުންވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން 2025ވަނަ އަހަރު މަނާކުރުމަށް ޤަރާރެއް ފާސްކޮށްފައެވެ. މަޖިލީހުން މިކަންކޮށްފައިވަނީ މާލޭގެ 16 ސްކޫލެއްގެ ދަރިވަރުން ކުރި އިލްތިމާސަކާއެކުއެވެ.

މާލޭގައި ވެހިކަލް އިތުރުވުމާގުޅިގެން ބައެއް ފަރާތްތަކުން ބުނީ ހަރުދަނާ ގޮތެއްގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ އުސޫލެއްގެ ދަށުން މިމައްސަލައަށް ބޮޑުޙައްލެއް ލިބިގެންދަނެކަމަށް ޤަބޫލުކުރާކަމަށެވެ.

އަދި ޕަބްލިކް ޓްރާންސްޕޯޓަށް އަގުހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެސް ވެހިކަލްތަކުގެ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށް ގޮވާލައި ބައެއް ފަރާތްތަކުންވަނީ ޝޫޢޫރުފާޅުކޮށްފައެވެ. ޢާއްމުން މިކަންކަން ފާހަގަކޮށްފައިވާއިރު އޮޅުވާލައިގެން އެއްގަރާޖެއްގެ ނަންމަތީގައި އެތައް ވެހިކަލްތަކެއް ރަޖިސްޓްރީކޮށްފައިވާކަން ހާމަވެފައިވާކަމަށާއި އެކަން ޙައްލުކުރުމަށް ރަޖިސްޓްރޭޝަން ބާތިލުކުރުމަށް ނިންމާފައިވާކަމަށް ކަމާބެހޭ ފަރާތްތަކުންވެސް ވަނީ ހާމަކުރައްވާފައެވެ.