ވިޔަފާރި

ކާޕޭ ޑީއެމް ރިސޯޓްގެ ނަން ބަދަލުކޮށް އަލުން ހުޅުވަނީ


ރ އަތޮޅު ހުރުވަޅީގައި ތަރައްޤީކޮށްފައިވާ ކާޕޭ ޑީއެމް ރިސޯޓުގެ ނަން 'ދަ ސްޓޭންޑަރޑް ހުރުވަޅި މޯލްޑިވްސް'އަށް ބަދަލުކޮށް މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ހަމަޖެހިއްޖެއެވެ.

މި ރިސޯޓުގެ ނަން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރިސޯޓުގެ ހިންގުން އެހެން ކުންފުންޏަކާއި ހަވާލުވުމާއި ގުޅިގެންނެވެ. މިހާރު ރިސޯޓު ހިންގުމާއި ހަވާލުވެފައިވަނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ 'ސްޓޭންޑަރޑް އިންޓަރނޭޝަނަލް'އެވެ. މި ބްރޭންޑުން ދުނިޔޭގެ އެކި ހިސާބުތަކުގައި ރިސޯޓުތަކާއި ހޮޓެލްތައް ހިންގަމުންދާއިރު މިއީ އޭޝިއާގައި މި ބްރޭންޑުން ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ރ އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި 115 ވިލާ ހިމެނެއެވެ. މީގެ ތެރޭގައި ވޯޓަރ ވިލާއާއި ބީޗް ވިލާތައް ހިމެނޭއިރު މިއީ އާއިލާތަކާއެކު ޗުއްޓީ ހޭދަކޮށްލަން ވަރަށް ހިތްގައިމު ރިސޯޓެކެވެ.

ވިލާތަކުގެ އިތުރުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރިސޯޓުގައި ތަރައްޤީކޮށްފައިވާ 6 ރެސްޓޯރެންޓެވެ. އެކި ޤައުމުތަކުގެ ކެއުންތައް މި ރެސްޓޯރެންޓުތަކުން ލިބިގެންދާއިރު އެންމެ ޚާއްސައީ މި ރިސޯޓުން ލިބިގެންދާ ދިވެހި ކެއުންތަކެވެ. މި ކެއުންތަކަކީ މި ރިސޯޓުގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ތައްޔާރުކުރާ ކެއުންތަކެކެވެ.

ކާޕޭ ޑީއެމްގެ ނަން 'ދަ ސްޓޭންޑަރޑް ހުރުވަޅި މޯލްޑިވްސް' އަށް ބަދަލުކޮށް މި އަހަރުތެރޭ ހުޅުވުމަށް ނިންމާފައިވައިވީނަމަވެސް މި ރިސޯޓު އަލުން ހުޅުވާނެ ތާރީޚެއް ރިސޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.