ކުޅިވަރު

ރޭ ދިން ސަޕޯޓާއި ފޯރި މިރޭވެސް ފެންނާނެކަމަށް އުއްމީދުކުރަން: ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިން


ޤައުމީ ވޮލީބޯޅަ ޓީމަށް ރޭ ސަޕޯޓަރުން ދިން ސަޕޯޓަކީ ވޮލީއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި، މިރޭގެ މެޗުގައިވެސް އެ ސަޕޯޓް ފެންނާނެކަމަށް އުއްމީދުކުރާކަމަށް ވޮލީބޯޅަ ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިން ފާހަގަކޮށްފިއެވެ.

ޤައުމީ ވޮލީބޯޅަ ޓީމްގެ ކުރީގެ ސެޓަރު ފަތުޙުﷲ ވަހީދު ބުނީ ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކުރި އެކުވެރިކަމުގެ މެޗުން ރޭ ފެނުނު ސަޕޯޓަކީ ފަހަކަށް އައިސް އިންޑޯ ހޯލުން ފެނުނު އެންމެ ފޯރިގަދަ ސަޕޯޓްކަމަށެވެ.

އޭނާ ބުނީ ރޭގެ މެޗުގައި ޓީމުން ދެއްކި ކުޅުމާއިއެކު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ދިވެހި ޓީމުން ހޯދާނެކަމުގެ އުއްމީދާއި ޔަގީންކަންވެސް ބޮޑުވެއްޖެކަމަށެވެ.

ވޮލީގެ ފޯރި ރޭ އަލުން ފެނިގެންދިޔަ ކަމަށާއި، ރޭގެ މެޗުގައި ކޯޓަށް ކުޅެން އަރަންވެސް ބޭނުންވި ކަމަށް އޭނާ ބުނިއެވެ. އަދި މި ސަޕޯޓް މިރޭވެސް ފެންނާނެ ކަމަށް އުއްމީދުކުރާކަމަށްވެސް ކުރީގެ ޤައުމީ ޓީމްގެ ސެޓަރު ބުނިއެވެ.

ފަތުޙުﷲ ވަހީދުގެ އިތުރުން ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު އާދިލްއާއި ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒް އަލީވެސްވަނީ ޤައުމީ ޓީމަށް މިރޭ ސަޕޯޓްކުރުމަށް މިރޭވެސް ވީހާވެސް ގިނަ ބަޔަކު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް އައުމަށް އެދިފައެވެ.