ކުޅިވަރު

ސްރީލަންކާއާއި ދެކޮޅަށް ދިވެހި ޓީމުން ދެއްކު މޮޅު ކުޅުމުން ހައިރާންވެއްޖެ: ލަންކާ ކޯޗު


ސްރީލަންކާއާއި ދެކޮޅަށް ދިވެހި ޓީމުން ދެއްކީ ވަރަށް ބޮޑަށް ހައިރާންކޮށްލި ކުޅުމެއްކަމަށް ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މެނުޙެލް ޓޮރޭސް ބުނެފިއެވެ.

ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ދިވެހި ޓީމް ރޭ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. މެޗަށްފަހު ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މެނުޚެލް ޓޮރޭސް ބުނީ ފުރަތަމަ މެޗަށްވުރެ ރޭގެ މެޗުގައި ދިވެހި ޓީމުން ދެއްކީ އޭނާ ހައިރާންވާވަރުގެ މޮޅު ކުޅުމެއްކަމަށެވެ. ދިވެހި ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ދެ ގުނަ ކުރިއެރުން ފެނުނުކަމަށާއި، ދިވެހި ޓީމުގައި ހުނަރު ހުރި މިންވަރު މި މެޗުން އެނގުނުކަމަށެވެ.

ކިޔުބާއަށް އުފަން ކޯޗު ބުނީ ދިވެހި ޓީމެކޭ އެއްގޮތަށް ލަންކާ ޓީމަށްވެސް މި މެޗުތައް ވަރަށް މުހިންމުކަމަށައި، މިހާރު ޓީމް އޮތް ހާލަތު ދެނެގަންނަން މިއީ ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި ޓީމުން ރަނގަޅު ކުރަންވީ ކަންކަން މި މެޗުތަކުން ވަރަށް ރަނގަޅަށް ފެންނަކަމަށް ކޯޗު މެނުޚެލް ޓޮރޭސް ބުނިއެވެ.

ސްރީލަންކާގެ ޤައުމީ ޓީމް ތައްޔާރުވަމުން މި އަންނަނީ އަންނަ ޑިސެމްބަރު މަހު ނޭޕާލްގައި އޮންނަ ސާފް ގޭމްސްގައި ވާދަކުރުމަށެވެ. މެނުޚެލް ޓޮރޭސް ބުނީ ގޭމްސްގައި ރަން މެޑަލް ހޯދުމަކީ ލަންކާގެ އަމާޒުކަމަށާއި، މި ތަމްރީން މެޗުތަކާއިއެކު ޓީމަށް ކުރިއެރުން ލިބެމުން އަންނަކަމަށެވެ.