ކުޅިވަރު

ވަރުގަދަ ލަންކާ އަތުން ދިވެހި ޤައުމީ ޓީމް ބަލިވެއްޖެ


ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޤައުމީ ޓީމު ވާދަކުރި އެކުވެރިކަމުގެ މެޗުން ދިވެހި ޓީމް ބަލިވެއްޖެއެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޤައުމީ ޓީމް ކުޅުނު މެޗު ސްރީލަންކާގެ ޓީމުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މިމެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުވެސް ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި މެޗުގެ ޝަރަފްވެރި މެޙުމާނާއަކީ، އ.ދގެ ޒުވާނުންގެ ޚާއްސަ މަންދޫބު ޖަޔަތްމާ ވިކްރަމަނަޔަކެއެވެ. ސަރުކާރުގެ އިސްވެރިންނާއި ވޮލީގެ އާއިލާގެ ގިނަ އަދަދެއްގެ ބަޔަކު މި މެޗަށްވަނީ ހާޒިރުވެފައެވެ.

މެޗުގެ ފުރަތަމަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ ފަންސަވީސް ވިހިންނެވެ. ދެވަނަ ސެޓު ފަނަރަ ފަންސަވީހުން ލަންކާ ޓީމް ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ ސޯޅަ ފަންސަވީހުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި މި މެޗުގެ ހަތަރުވަނަ ސެޓު ފެނުނީ ވަރަށް ވާދަކޮށެވެ. ބާވީސް ބާވީހުން ދެ ޓީމް އެއްވަރުވެ މެޗުގެ ފޯރިގަދަވިއިރު، ފަހު ވަގުތު ލަންކާއިން މެޗު ކާމިޔާބުކުރީ ތޭވީސް ފަންސަވީހުން.ނެވެ މިއީ ސްރީލަންކާގެ ޤައުމީ ޓީމް ރާއްޖޭގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު. ފުރަތަމަ މެޗުން ދިވެހި ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ.

ސްރީލަންކާގެ ޤައުމީ ޓީމް ރާއްޖޭގައި މި ކުޅޭ މެޗުތަކަކީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ރާއްޖޭގެ ޓިމަށް ވާދަވެރި މެޗުތަކެއް ހޯދައިދެއްވުމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ތަނަވަސްކޮށްދެއްވި ފުރުސަތެކެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް އެންމެ ގިނަ ސަޕޯޓަރުން ވަތް މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.