ވިޔަފާރި

ރާޅާ އެޅުމަށް އެންމެ ކަމުދާ 5 މަންޒިލްގެ ތެރޭގައި ރާއްޖެ


ރާޅާ އެޅުމަށް އެންމެ ކަމުދާ 5 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ޑިމޮޓިސް އިން ހޮވާލާފައިވާ މި ލިސްޓުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަޝްހޫރު މަންޒިލްތައް ހިމެނެއެވެ. އެގޮތުން މި ލިސްޓުގައި ހިމެނޭ ޤައުމުތަކަކީ ދިވެހިރާއްޖެ، އިންޑޮނޭޝިއާގެ ބާލީ، ފޯޗުގަލް، ކޯސްޓަރ ރިކާ، މޮރޮކޯއެވެ.

ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ސަރފިންގް ނުވަތަ ރާޅާ އެޅުމަކީ ވަކި ކަހަލަ ރާޅުތަކެއް ނަގާ ހިސާބެއްގައި މެނުވީ ނުކުޅެވޭނެ ކުޅިވަރެކެވެ. އެހެންކަމުން ރާޅާއެޅުމަށް ކަމުދާ ވަކި ސްޕޮޓްތަކެއް ރާއްޖޭގައިވެސް ހުރެއެވެ.

މިފަދަ ސަރަޙައްދުތަކަކީ ދިވެހި ޒުވާނުންނާއި ފަތުރުވެރިންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ސަރަޙައްދުތަކެކެވެ.
ޑިމޮޓިސްއިން ހާމަކުރާގޮތުގައި ރާއްޖެއަކީ ސަރފިންގަށް އެންމެ ހިތްގައިމު ރާޅުތައް ނަގާ އެއް މަންޒިލެވެ. އަދި ރާއްޖޭގައި ރާޅާ އަޅާލަން ލިބުމަކީ ކޮންމެ ސަރފަރއެއްގެވެސް އުއްމީދެއްކަމަށް އެ ނޫހުން ބުނެއެވެ. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ ފޮޓާއަކުން ބަލާލައިގެން އިންސާފުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ކުރެވޭނީ ރާއްޖެއަށް ޒިޔާރަތްކޮށްގެންކަމަށް ޑިމޮޓިސްއިން ހާމަކުރެއެވެ.