ވިޔަފާރި

ވާވޭގެ އަމިއްލަ އޯ.އެސް، "ހާމަނީ" ލޯންޗުކޮށްފި


ވާވޭގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރި އޮޕަރޭޓިންގ ސިސްޓަމް، ހާމަނީ އޯ.އެސް ލޯންޗުކޮށްފިއެވެ.

ވާވޭގެ އުފެއްދުންތަކަށް ޚާއްސަކޮށް އޮޕަރޭޓިންގ ސިސްޓަމްއެއް ވާވޭއިން ތައްޔާރުކޮށްފައި މިވަނީ، ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުން މަނާކުރުމުންނެވެ. އެއާއެކު ވާވޭއިން އަލަށް ބާޒާރަށް ނެރޭ އުފެއްދުންތަކުގައި އެމެރިކާގެ ގޫގުލްގެ އޯ.އެސް، އެންޑްރޮއިޑް ބޭނުންކުރުން ވަގުތީ ގޮތުން ވަނީ މަނާވެފައެވެ.

އެންޑްރޮއިޑްގެ ބަދަލުގައި ބޭނުންކުރުމަށް ތައްޔާރުކުރި ހާމަނީ އޯއެސް ވާވޭއިން ލޯންޗުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވާވޭގެ އައު ސްމާޓް ޓީވީއާއެކުއެވެ. ވާވޭގެ އޮފިޝަލުން ބުނީ ހާމަނީއަކީ އެންޑްރޮއިޑް އަދި އެޕަލް އައި.އޯ.އެސްއާ މުޅިން ތަފާތު ސިސްޓަމެއްކަމަށެވެ. އަދި މިހާރުވެސް ވާވޭގެ އުފެއްދުންތަކުގައި ހާމަނީ ބޭނުންކުރެވޭނޭކަމަށް ވާވޭއިން ބުނެއެވެ.

ވާވޭގެ އޮފިޝަލުން ބުނީ ވާވޭގެ އުފެއްދުންތަކުގައި މިވަގުތު އެންޑްރޯއިޑް އޯއެސް ބޭނުންކުރި ނަމަވެސް، ހާމަނީއަށް އޯއެސް ބަދަލުކުރުމަށް މާބޮޑު ދައްޗެއް ކުރިމަތިނުވާނެކަމަށެވެ.

ވާވޭއިން ހާމަނީ ލޯންޗުކޮށްފައިވަނީ، އެންމެ ފުރަތަމަ ހާމަނީ ބޭނުންކުރާނީ ސްމާޓް ގަޑިތަކާއި، ސްމާޓް ޓީވީ، އަދި ބައެއް ވެހިކަލް ސިސްޓަމްތަކުގައެވެ. އަދި އެންޑްރޮއިޑްއާއި އެޕަލް އައިއޯއެސް ފަދައިން ހާމަނީއަކީ ވާވޭގެ ޑިވައިސްތައް އެއް ވިއުގައަކުން ގުޅާލަދޭނެ އޯ.އެސްއެއްކަމަށްވެސް ވާވޭއިން ބުނެއެވެ.

ވާވޭއިން އަމިއްލަ އޯއެސްއެއް ތަރައްޤީކޮށްފައިވާއިރު، އެކުންފުންޏަކީ ސެމްސަންގއަށްފަހު ދެވަނައަށް އެންމެ ގިނަ ސްމާޓް ފޯނު އުފައްދާ ކުންފުންޏެވެ. އަދި އެފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާތައް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ އެމެރިކާގެ ގޫގުލްއިންނެވެ. ނަމަވެސް އަމިއްލަ އޯއެސްއެއް ތަރައްޤީކުރަން ވާވޭއަށް މަޖުބޫރުވީ، ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރިގެ ހަނގުރާމައިގެ ސަބަބުން ވާވޭއާއި ގޫގުލްއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލަންޖެހިދާނެކަމުގެ ބިރު ހީވުމުންނެވެ.

ޗައިނާގެ ކުންފުންޏަކުންވުމުން ވާވޭއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއިން ބޭރުގައި ވާވޭއިން ކުރާ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑު އަސަރެއްކޮށްފައެވެ. އަދި ވާވޭއާއެކު ވިޔަފާރިކުރާ އެމެރިކާގެ ކުންފުނިތަކަށްވެސް ވަނީ އެކަމުގެ އަސަރުކޮށްފައެވެ.