ފިލިޕީންސްއިން ޗައިނާއަށް ކުރުނބާ އެތެރެކުރުމުގެ ހުއްދަ ލިބުމާއެކު ފިލިޕީންސްގެ ވިޔަފާރިވެރިންނަށް ފައިދާވާ މިންވަރު އެތައް ގުނައަކުން އިތުރުވެއްޖެއެވެ.
ޗައިނާއާއި ފިލިޕީންސާ ދެމެދު ޤާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން ޗައިނާ ބާޒާރަށް ފިލިޕީންސްއިން ކުރުނބާ އެތެރެކުރުމުގެ ހުއްދަ ލިބުމާއި އެކު، އެޤައުމުގައި ފުޅާ ދާއިރާއެއްގައި ކުރުނބާގެ ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ޗައިނާ ބާޒާރަށް ކުރުނބާ އެތެރެކުރަން ފަށާފައެވެ.
އެގޮތުން ފިލިޕީންސްގެ ޖޯން ޓޭން ކުންފުނިން ޗައިނާއަށް ކުރުނބާ އެތެރެކުރަން ހުސްވިމަހުގެ ފަހުކޮޅު ފަށާފައިވާއިރު މިހާތަނަށް ސަތޭކަ ހާހަށްވުރެ ގިނަ ކުރުނބާ ޗައިނާއަށް އެތެރެކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. ކުރުނބާއަކީ ފްލިޕީންސްއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރާ ތަކެތީގެ ތެރޭގައި ހިމެނޭ މޭވާއެކެެވެ. މިއާއެކު އެޤައުމުގެ ގިނަ އަދަދެއްގެ ބަޔަކު މި ވިޔަފާރީގައި ހަރަކާތްތެރިވެއެވެ. އެގޮތުން ފިލިޕީންސްގެ 25 މިލިއަން މީހުން އާމްދަނީ ހޯދުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ވިޔަފާރީގައި ހަރަކާތްތެރިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފިލިޕީންސަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ އަދަދަކަށް ކުރުނބާ ބާޒާރަށް ނެރޭ ޤައުމެވެ. އެގޮތުން އަހަރެއްގެ މައްޗަށް 15 މެޓްރިކް ޓަނުގެ ކުރުނބާ އެޤައުމުގައި ހައްދައެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާއާއި ފިލިޕީންސާއި ދެޤައުމުގެ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންވަނީ ބަދަހިވަމުން ގޮސްފައެވެ. އެގޮތުން ފިލިޕީންސުން އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރަނީ ޗައިނާއިންނެވެ. އަދި ފިލިޕީންސުން ހަތަރުވަނަ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރާ ޤައުމަކީ ޗައިނާއެވެ.
ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭ ފިލިޕީންސުން ޗައިނާއަށް އެތެރެކޮށްފައިވާ މޭވާގެ ބާވަތްތަކުގެ އަގު 2 ބިލިއަން ޑޮލަރަށް އަރާކަމަށް ފިލިޕީންސުން ހާމަކުރެއެވެ.