ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި 200 އަށްވުރެ ގިނަ ފަރާތުން ޖީއެސްޓީ ނުދައްކާ


މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 200 އަށްވުރެގިނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކުރައްވައިފިއެވެ.

މީރާއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 23 ފަރާތަކާއި، ޢާއްމު ވިޔަފާރި ކުރާ 134 ފަރާތެއް ހިމެނެއެވެ.
މިރާ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވިޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރައްވާނެކަމަށް މީރާއިން ވިދާޅުވެއެވެ.

މި ވިޔަފާރިތަކުގެ ނަން ޢާއްމުކޮށްފައިމިވަނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލުގެ ދަށުންނެވެ.