ކުޅިވަރު

އެކުވެރިކަމުގެ މެޗަށް ލަންކާގެ ޤައުމީ ވޮލީ ޓީމް ރާއްޖެ އަތުވެއްޖެ


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ޤައުމީ ވޮލީބޯޅަ ޓީމާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީލަންކާގެ ޤައުމީ ވޮލީ ޓީމް މާލެ އަތުވެއްޖެއެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފުގެ ދަޢުވަތަކަށް މާލެއައި ޓީމަށް އެއަރޕޯޓުން މަރުޚަބާ ދެންނެވީ ސްޕޯޓްސް ކޮމިޝަނަރ ހީނާ އަޙުމަދު ސަލީމްއާއި، ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން އަބްދުﷲ އާމިރުއާއި ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަރމަން އަޙުމަދު އިސްމާއިލްއެވެ.

ލަންކާގެ ޤައުމީ ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކެޕްޓަން ދީޕްތީ ރޮމޭޝްއެވެ. އޭނާވަނީ މީގެ ކުރިން ރާއްޖޭގެ ކުލަބުތަކަށް ކުޅެ ކާމިޔާބީތައްވެސް ހޯދާފައެވެ. މިގޮތުން 2015ވަނަ އަހަރު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، 2017ވަނަ އަހަރު ޕޮލިސް ކުލަބަށްވެސް ދީޕްތީ ކުޅުނެވެ.

ރާއްޖޭގެ ޤައުމީ ވޮލީ ޓީމާއިއެކު ސްރީލަންކާގެ ޓީމް އެކުވެރިކަމުގެ ތިން މެޗެއް ކުޅޭނެއެވެ. މި ތިން މެޗު ކުޅޭނީ މިމަހުގެ 12، 13، އަދި 14ވަނަ ދުވަހު ރެއެވެ. މި މެޗުތައް ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.