ވިޔަފާރި

ޕްލޭނިންގ މިނިސްޓްރީގެ ބައެއް ޚިދުމަތްތައް މާދަމާ ލިބޭނެ


އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް އީދު ބަންދުގެ ތެރޭގައި ޙިދުމަތް ދިނުމަށްޓަކައި މާދަމާ ޕްލޭނިންގ މިނިސްޓްރީގެ ކައުންޓަރު ހުޅުވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ހަފްތާ އެއްކޮށް ބަންދުވުމާއެކު އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 13 އޮގަސްޓް ވާ އަންގާރަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޕްލޭނިންގ މިނިސްޓްރީން ބައެއް ޚިދުމަތްތައް ލިބޭނެކަމަށެވެ. އެގޮތުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަވެފައިވާނަމަ ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މާޗުމަހުގެ ތިރީސްވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން އަންނަ 'ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު' ގެ ދަށުން މިވަގުތު ވަރަށް ގިނަ ފަރާތްތަކުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް ހުށަހަޅަމުންދާކަން ޕްލޭނިންގ މިނިސްޓްރީން ފާހަގަކުރެއެވެ.

ހުއްދައަށް އެދޭ ފޯމް އެމިނިސްޓްރީގެ ވެބްސައިޓު އިން ލިބޭނެ ކަމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭނަމަ ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުމާއިއެކު މިނިސްޓްރީގެ އީމެއިލްއަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.