ޚަބަރު

ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ރަސްމީ ކޮށް ފަށައިފި


ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ޤައުމީ އެއަރލައިން ގެ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ކުޅުދުއްފުށީ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރުއެވެ.

ކުޅުދުއްފުށްޓަށް ދަތުރު ކުރަން ޓިކެޓް ވިއްކަން ޢާއްމުކޮށް ހުޅުވައިލުމާއެކު މިމަހުގެ 17 އާއި ހަމަޔަށް ދަތުރުތައް ވަނީ ފުލް ވެފައެވެ. ކުޅުދުއްފުށްޓަށް ކުރާ ދަތުރު ތަކުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ އަންގާރަދުވަހު އެވެ. އެއްކޮޅު ޓިކެއްގެ އަގަކީ 1113 ރުފިޔާއެވެ. މޯލްޑިވިއަނުން ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރު ކުރުމަށް އަދި ޝެޑިއުލް ކޮށްފައިވަނީ ދުވާލަކަށް 1 ދަތުރެވެ.
މިނިސްޓަރ އޮފް ސްޓޭޓްފޯރ ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަން އަޙްމަދު ޒުހައިރު ވިދާޅުވީ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ބައެއް މަސައްކަތް އަންނަ އަހަރަށް ބަޖެޓް ކޮށްފައި ވީ ނަމަވެސް މިއަހަރުވެސް މީގެ ބައެއް މަސައްކަތް ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމުގައެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ނިންމައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް ޢާއްމު ދަތުރު ތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާރމިނަލްގެ މަސައްކަތް ނުނިންމުމުގެ ސަބަބުންނެވެ. އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރ ރިޒަރވޭޝަން އާމިނަތު ސަމީޙާ ވިދާޅުވީ ކުޅުދުއްފުށީން ދަތުރު ތަކަށް ޑިމާންޑް އޮތް ވަރަކުން ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ 12000 ވުރެ ގިނަ އާބާދީ އެއް ދިރިއުޅެމުންދާ ރަށަކަށްވެފައި މިއެއާރޕޯރޓަކީ ތިލަދުންމަތީ އުތުރު ބުރިއާއި، ދެކުނު ބުރީގެ ވިޔަފާރިވެރންނަށް ދަތުރު ފަތުރު ކުރުމުގައި ފަސޭހަ މަންޒިލެއް ކަމަށް ވާތީ މިއެއަރޕޯޓަށް ޝެޑިއުލް ދަތުރު ތައް ފެށައި، ޚިދުމަތް ލިބެން ފެށުމަކީ ކުޅުދުއްފުއްޓާއި އެސަރަޙަށްދުގެ ގިނަ ބައެއްގެ އުންމީދެވެ. ޢާންމު ބައެއް ފަރާތްތަކުން އެމީހުންގެ ޝުއޫރުތަށް ޕީ އެސް އެމް ނިއުސްއާއި ހިއްޞާކުރަމުން ބުނީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށާއި މިދުވަހަށް އިންތިޒާރުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށެވެ.

އެއަރޕޯޓް ޓަރމިނަލާއި ފަޔަރ ސްޓޭޝަން ނިންމުމަށްފަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، މިއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.