ވިޔަފާރި

ކުޅުދުއްފުށީ އެއަރޕޯޓަށް ޑިމާންޑު ބޮޑުވެ، މިމަހުގެ 17ވަނަ ދުވަހާ ހަމައަށް ފުލްވެއްޖެ


ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމައި ޓިކެޓް ވިއްކަން ފެށިތާ ދެ ދުވަސްތެރޭ މިމަހުގެ ސަތާރަވަނަ ދުވަހާ ހަމައަށް ފްލައިޓްތައް ފުލްވެފައިވާކަމަށް މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި ޓިކެޓް ވިއްކަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މޯލްޑިވިއަންއިން ކުޅުދުއްފުށީ އެއަރޕޯޓަށް ކުރުމަށް ޝެޑިއުލްކޮށްފައިވަނީ ދުވާލަކަށް އެންމެ ދަތުރެކެވެ. އެގޮތުން އެފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:30 ގައެވެ. މޯލްޑިވިއަންއިން ހާމަކުރާގޮތުގައި ކުރިމަގުގައި ކުޅުދުއްފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރާނެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގަކީ ކޮޅަކަށް 1113 ރުފިޔާއެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ނިންމައި މިދިޔަ އަހަރުގެ ސެޕްޓޭމްބަރުމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް އާއްމު ދަތުރުތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާމިނަލްގެ މަސައްކަތް ނުނިންމުމުގެ ސަބަބުންނެވެ.

އެއަރޕޯޓް ޓަރމިނަލާއި ފަޔަރ ސްޓޭޝަން ނިންމުމަށްފަހު ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، މިއީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބު ކަމަށްވާއިރު، ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.