ވިޔަފާރި

ފަތުރުވެރިމުގެ ދާއިރާގެ މުވައްޒަފުންގެ ދަފްތަރުގެ އެޕްލިކޭޝަން ތައްޔާރުކޮށްދޭން ހުޅުވާލައިފި


ފަތުރުވެރިމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއެޕްލިކޭޝަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާފަރާތްތަކުގެ ތަފްސީލީ ތަފާސް ހިސާބާއި، އެހެނިހެން މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ގުޅުވާލުމަށް ތައްޔާރުކުރާ އެޕްލިކޭޝަނެއްކަމަށެވެ. އަދި އެޕްލިކޭޝަން ތައްޔާރުކުރަންޖެހޭނީ މިނިސްޓްރީން ދޭ މަޢުލޫމާތުތަކާ އެއްގޮތަށްކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އެޕްލިކޭޝަން ތައްޔާރުކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 20 ވަނަ ދުވަހު އޮންނާނެކަމަށެވެ. އެބައްދަލުވުމުގައި މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް އާއި އެހެނިހެން މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރުމަށް ހަމަޖެހިފައިވާތީ، މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ފަތުރުވެރިމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފްތަރުގެ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އައު މާސްޓަރޕްލޭން ތައާރަފުރުމަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ ދަފްތަރު އެއްކޮށް ނިމި، މުވައްޒަފުންނަށް އެ ދަފްތަރު ބޭނުންކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.