ވިޔަފާރި

މިދިޔަމަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިނީ ވޮށްމުލި ރިސޯޓުން


މިދިޔަމަހު މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވޮއްމުލި ރިސޯޓުންކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭގޮތުގެ ތަފްސީލް ހާމަކުރާ މޯލްޑިވްސް ސަރވިސް ޗާޖު ވެބްސައިޓުގައިވާ ގޮތުން، ދ. އަތޮޅުގައި އޮޕަރޭޓްކުރާ ސެއިންޓް ރެޖީސް ވޮށްމުލި ރިސޯޓްގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން މިދިޔަމަހު ސަވިސް ޗާޖުގެ ގޮތުގައި 725 ޑޮލަރު ދީފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 11 ހާހަށްވުރެ ގިނަ ރުފިޔާއެވެ. އަނެއްކޮޅުން މިއީ އޭގެ ކުރީމަހު އެރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދިން 625 ޑޮލަރަށްވުރެ 20 އިންސައްތަ އިތުރު އަދަދެކެވެ.

ވޮށްމުލި ރިސޯޓަށްފަހު މިދިޔަމަހު ދެވަނައަށް އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވަނީ ޖުމެއިރާ ވިޓާވެލި ރިސޯޓުންނެވެ. އެރިސޯޓުގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި 692 ޑޮލަރު ދީފައިވާއިރު، މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ދިހަ ހާސް ހަ ސަތޭކަ ހަތްދިހަ އަށް ރުފިޔާއެވެ. ތިންވަނައަށް އެންމެ ބޮޑު ސަރވިސް ޗާޖެއް ދިން ދުސިތު ތާނީ ރިސޯޓުން 690 ޑޮލަރު ސަރވިސް ޗާޖުގެ ގޮތުގައި ދިންއިރު، އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ދިހަ ހާސް ހަ ސަތޭކަ ތިރީސް ނުވަ ރުފިޔާއެވެ.

މޯލްޑިވްސް ސަރވިސް ޗާޖު ވެބްސައިޓުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި އޮޕަރޭޓްކުރާ 152 ރިސޯޓެއްގެ ތެރެއިން 54 ރިސޯޓަކުން މިދިޔަމަހު ސަރވިސް ޗާޖުދިން ގޮތުގެ ތަފްސީލް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 22 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ ފަސް ސަތޭކަ ޑޮލަރަށްވުރެ މަތީގައެވެ. 21 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ 300 ޑޮލަރާއި 500 ޑޮލަރާއި ދެމެދުއެވެ. 11 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ 170 ޑޮލަރާއި 270 ޑޮލަރާ ދެމެދުއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖުދޭ ގޮތުގެ ތަފްސީލް މޯލްޑިވްސް ސަރވިސް ޗާޖު ވެބްސައިޓުން އާއްމުކުރަމުންދާއިރު، ބައެއް ރިސޯޓްތަކުގައި ސަރވިސް ޗާޖު ނުދިނުމާއި ސަރވިސް ޗާޖުދޭއިރު ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާ ރިސޯޓްތަކުގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ދަނީ އެމައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.