ވިޔަފާރި

ފިނޭންސް މިނިސްޓްރީން ބީލަންވެރިންގެ މަހާސިންތާއެއް ބާއްވަނީ


ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ބީލަންވެރިންގެ މަހާސިންތާ 2019ގައި ބައިވެރިވުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާއަކީ ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މިނިސްޓްރީން ބުނީ މި މަހާސިންތާގައި އާންމުކޮށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެކަމަށެވެ.

ބީލަންވެރިންގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ އަށްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މަހާސިންތާގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް އަދި ޓްވިޓަރ މެދުވެރިކޮށް ލިބޭނެއެވެ. އަދި މިކަމާއިބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް އަދި ހިލޭ ގުޅޭ ނަމްބަރު 1617 އަށް ގުޅުމުން ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ބީލަންވެރިންނާއި ބީލަމާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން މިދިޔަ އަހަރު ވަނީ ބީލަން ޕޯޓަލްގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ އޮފިސްތަކުން ބީލަމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ނެޝަނަލް ޓެންޑަރ މެދުވެރިކޮށް ބީލަމަށް ހުޅުވާލާ މަޝްރޫޢުތަކާއި ބީލަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.